ނައިބު ރައީސުން ހޮވާނީ އަތް އުފުލައިގެން ހާމަ ވޯޓަކުން: ޕީއެންސީ

ނައިބު ރައީސުން ހޮވާނީ އަތް އުފުލައިގެން ހާމަ ވޯޓަކުން: ޕީއެންސީ

Author
އަހުމަދު
03 އޮގަސްޓް 2026 11:01
0

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ހާމަކޮށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ވޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ މަތީ މަޖިލީހާއި، ޤައުމީ މަޖިލީހާއި، އަދި އެހެނިހެން ގުނަވަންތަކުގެ ކަންކަން ހިންގާނެ ގޮތް ބަޔާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އަސާސީ ޤަވާއިދުގައި ކަމަށެވެ. މި ޤަވާއިދަކީ ޕާޓީގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ، މެންބަރުންނަށާއި ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ފެންނަން އޮތް ލިޔުމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަސާސީ ޤަވާއިދު ބުނާ ގޮތުން، ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓު ދޭންޖެހޭނީ އަތް އުފުލައިގެންނެވެ. ހަމައެއާއެކު، ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނަގާ ވޯޓަކީވެސް ހާމަ ވޯޓަކަށްވާން ޖެހޭނެކަން އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. އެހެންކަމުން، ޕާޓީގެ ނައިބު ރައީސުންނާއި، މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓެއް ނެގުމަކީ އަސާސީ ޤަވާއިދާ ޚިލާފު ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީން ވަނީ އަތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ވިލަރެސް ކޮމެޓީން ނިންމި ކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގުކޮށްފައެވެ. އެ ޕާޓީން ފާހަގަކުރީ އެއީ ވަކިން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށާއި، އަސާސީ ޤަވާއިދުގައި ކުރިންވެސް ބަޔާންކުރެވިފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ޕާޓީގެ އެތެރޭގެ ހިންގުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ މިހާތަނަށްވެސް ޢަމަލުކުރަމުން އައި ގޮތަށް، މަތީ މަޖިލީހުން ފާސްކޮށްފައިވާ އަސާސީ ޤަވާއިދާ އެއްގޮތަށް، ޑިމޮކްރެޓިކް ޕާޓީތަކުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ގޮތަކަށް ކަމުގެ ޔަޤީންކަން ޕީއެންސީން ވަނީ އެ ޕާޓީގެ މެންބަރުންނަށް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.