ރީކޯ މޫސަގެ ހެވީލޯޑަށް ދޫކުރި ތިލަފުށީ ބިން އަނބުރާ އެޗްޑީސީއާ ހަވާލުކުރަން ހުކުމްކޮށްފި

ރީކޯ މޫސަގެ ހެވީލޯޑަށް ދޫކުރި ތިލަފުށީ ބިން އަނބުރާ އެޗްޑީސީއާ ހަވާލުކުރަން ހުކުމްކޮށްފި

Author
އަހުމަދު
03 އޮގަސްޓް 2026 11:02
0

ތިލަފުށިން ހެވީލޯޑް މޯލްޑިވްސް އަށް ދޫކޮށްފައިވާ 30،000 އަކަފޫޓުގެ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އަނބުރާ ހަވާލުކުރުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން ކޮށްފައިވާ މި ހުކުމަކީ، ބިމުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އެޗްޑީސީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ. މި ބިން 2008 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު ހެވީލޯޑަށް ދޫކޮށްފައި ވަނީ އަކަފޫޓަކަށް އެއް ރުފިޔާގެ މަގުން ކުއްޔަށެވެ. ނަމަވެސް ކުއްޔަށް ދިން މުއްދަތު ހަމަވުމަށްފަހުވެސް، ބިން އަނބުރާ ހަވާލުކޮށްފައި ނުވާ ކަމަށާއި، ދައްކަންޖެހޭ ކުލި ވެސް ނުދައްކާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހެވީލޯޑްގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމުގައި، އެ ކުންފުނިން އެޗްޑީސީއަށް ދައްކަންޖެހޭ 4.5 މިލިއަން ރުފިޔާ އާއެކު، ބިން އަނބުރާ ހަވާލުކުރާ ދުވަހާ ހަމައަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. މި ފައިސާ ޖުލައި 30 އިން ފެށިގެން މަހެއްގެ ތެރޭގައި، އެއްފަހަރާ ދައްކައި ދަރަނި ހަލާސްކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބިން އަނބުރާ ހޯދުމަށް އެޗްޑީސީން މީގެ ކުރިންވެސް ތަކުރާރުކޮށް ހެވީލޯޑަށް އަންގާފައި ވެއެވެ. ނަމަވެސް އެ ކުންފުނިން އެކަމަށް ޢިޖާބައެއް ދީފައި ނުވެއެވެ. ބިން ހުސް ނުކުރެވިގެން އުޅޭ ސަބަބަކީ، ހެވީލޯޑުން އެ ބިން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައި އޮތުން ކަމަށްވެސް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.