ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ، ހަތަރު ވަނަ ދައުރަކަށް ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފި އެވެ.
އަންނަ އޮކްޓޫބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ލޫލާ ވަނީ، ބްރެޒިލްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަދެގަންނަން މަސައްކަތް ކުރަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއު ކުރެއްވުމަކީ އެމަނިކުފާނުގެ ކެމްޕެއިންގެ އެންމެ މުހިންމު އަމާޒު ކަމުގައި ވެސް އިއުލާން ކުރެއްވި އެވެ.
ބްރެޒިލްގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައި އޮތް މި ދަނޑިވަޅުގައި، ޤައުމުގެ ނިންމުންތަކަށް ބޭރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމުގެ ޖާގަ ނުދެއްވާނެ ކަމަށާއި، ބްރެޒިލްގެ ރައްޔިތުންގެ ނިންމުމަކީ އެންމެ މަތީ ނިންމުން ކަމަށް ލޫލާ ވިދާޅުވި އެވެ. ބޭރުގެ ސިޔާސަތެއް ނުވަތަ ނުފޫޒެއްގެ ސަބަބުން ބްރެޒިލްގެ ޑިމޮކްރަސީ ގުޑުވައި ނުލެވޭނެ ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
ސިޔާސީ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި ބްރެޒިލްގައި ބާއްވާނެ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިޚާބަށް ވުމަކީ ގާތް ކަމެކެވެ. ލޫލާ ރޭހަށް ނިކުންނަވާނެ ކަން އިއުލާން ކުރެއްވުމާ އެކު، އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކެމްޕެއިންގެ ޙަރަކާތްތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. މީގެ އިތުރުން، ބޭރުގެ ނުފޫޒުތަކާ ގުޅޭ ގޮތުން ލޫލާ ކުރައްވާ ތުހުމަތުތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ މައިދާނުގައި ވެސް މި އިންތިޚާބަށް އޮތް ސަމާލުކަން ދަނީ ބޮޑުވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ލޫލާ ފުރަތަމަ ފަހަރަށް ބްރެޒިލްގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ޖެހިގެން އޮތް އިންތިޚާބު ކާމިޔާބު ކުރައްވައި، 2007 ން 2011 އަށް ދެ ވަނަ ދައުރެއް ފުރިހަމަ ކުރެއްވި އެވެ. ތިން ވަނަ ދައުރަކަށް ރައީސް ކަމަށް ވަޑައިގަތީ 2023 ވަނަ އަހަރު އެވެ. އެހެންކަމުން، ދެންމެ ފެއްޓެވި ކެމްޕެއިނަކީ ތާރީޚީ ހަތަރު ވަނަ ދައުރެއް ހޯއްދެއްވުމަށް ލޫލާ ފައްޓަވާ މަސައްކަތެވެ.
ކޮމެންޓު ފޮނުވާ