މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މި އަހަރުގެ ފުރަތަމަ ހަ މަހު ސާފު ފައިދާގެ ގޮތުގައި 225 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 183 މިލިއަން ރުފިޔާ ކަމަށް ވާތީ، މި ފަހަރު ފައިދާ ވަނީ 41 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން، މި ފަހަރުގެ ފުރަތަމަ ހަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 419 މިލިއަން ރުފިޔާއަށް ވުރެ 135 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއައިބީގެ ޖުމްލަ އެސެޓް ވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް ބޮޑުވެފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް 16 ބިލިއަން ރުފިޔާގައި ހުރި ޖުމްލަ އެސެޓް، މި ޖޫން މަހުގެ ނިޔަލަށް 19 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ބޭންކުގެ ޑިޕޮސިޓް ވެސް ވަނީ ތިން ބިލިއަން ރުފިޔާ އިތުރުވެ، 13 ބިލިއަން ރުފިޔާއިން 16 ބިލިއަން ރުފިޔާ އަށް ބަދަލުވެފަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރު އެއްކޮށް ނިމުނު އިރު އެމްއައިބީ އަށް ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބިފައިވާ ކަމެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 35 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ