މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ނިމިދިޔަ ފެބްރުއަރީ މަހު މާލޭގެ ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އަސާސީ މުދަލާއި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި އެސެންޝަލް ކޮމޯޑިޓީޒް ޕްރައިސް އިންޑެކްސް (އީސީޕީއައި) ރިޕޯޓުން ދައްކާގޮތުގައި، ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މާލޭގެ ބާޒާރުގައި ތަކެތީގެ އަގު ވަނީ 1.54 އިންސައްތަ އުފުލިފައެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއީ 1.04 އިންސައްތައިގެ ކުރިއެރުމެކެވެ. މުޅި ޖުމްލަ އިންފްލޭޝަން މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް 2.06 އިންސައްތަ އުފުލުމެވެ.
ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ މޭވާއާއި ތަރުކާރީގެ ބާވަތްތަކުންނެވެ. އެގޮތުން މޭވާގެ އަގު 9.57 އިންސައްތަ އުފުލުނުއިރު، ތަރުކާރީގެ އަގު ވަނީ 3.46 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ގޭހާއި (0.85%)، ކިރާއި ބިސް (0.53%)، ގޮދަނުގެ ބާވަތްތައް (0.34%) އަދި ތެލުގެ ބާވަތްތަކުގެ އަގުވެސް (0.65%) ވަނީ ކުޑަ ނިސްބަތަކުން މައްޗަށް ގޮސްފައެވެ.
ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގު މައްޗަށް ދިޔަ ނަމަވެސް، އާންމުންނަށް ލުޔެއް ލިބިގެންދިޔައީ މަހުގެ ބާވަތްތަކުގެ އަގު 1.03 އިންސައްތަ ދަށަށް ދިއުމުންނެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގު 0.33 އިންސައްތަ ހެޔޮވެފައިވާއިރު، އެހެނިހެން ބައެއް ކާބޯތަކެތީގެ އަގުވެސް ވަނީ 0.13 އިންސައްތަ ދަށަށް ގޮސްފައެވެ. ނޮވެމްބަރު 2022 ބޭސް ޕީރިއަޑެއްގެ ގޮތުގައި ބަލައިގެން ތައްޔާރުކޮށްފައިވާ މި ތަފާސްހިސާބުތަކުން ކަށަވަރުކޮށްދެނީ، ފެބްރުއަރީ މަހު މާލޭގެ ބާޒާރުގެ އަގުތަކަށް އެންމެ ބޮޑު ބަދަލެއް ގެނުވީ ތާޒާ މޭވާއާއި ތަރުކާރީގެ އަގުތައް އުފުލުމުން ކަމެވެ.
ކޮމެންޓު ފޮނުވާ