މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމަށް މާލޭގެ 21 މިސްކިތަކާއި ހުޅުމާލެ ފޭސް-1 ގެ 6 މިސްކިތަކާއި ހުޅުމާލެ ފޭސް-2 ގެ 5 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 3 މިސްކިތެއް ވަނީ ކަނޑައަޅައިފަ އެވެ. އިއުތިކާފަށް ތިބުމަށް ޖުމްލަ 25 މިސްކިތެއް ހަމަޖައްސާފައިވާއިރު، އޭގެ ތެރޭގައި މާލޭގެ 16 މިސްކިތަކާއި ހުޅުމާލެ ފޭސް-1 ގެ 5 މިސްކިތަކާއި ހުޅުމާލެ ފޭސް-2 ގެ 3 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 1 މިސްކިތް ހިމެނެ އެވެ.
ކޮންމެ ރޯދަ މަހެއްގެ ފަހު ދިހައާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ދަމުނަމާދާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަނޑައެޅުމަކީ ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ ކަމެކެވެ. ދަމުނަމާދަކީ އިޝާ ނަމާދަށް ފަހު ކުޑަ ހިނދުކޮޅަކު ނިދާލުމަށް ފަހު ތެދުވެ ފަތިސް ވަގުތުގެ ކުރިން ދެ ރަކުޢަތުން ދެ ރަކުޢަތުން ސަލާމް ދެމުން ކުރާ ގަދަ ސުންނަތް ނަމާދެކެވެ. މިއީ ހަމައެކަނި ރަމަޟާން މަހަށް ޚާއްޞަ ނަމާދެއް ނޫން ނަމަވެސް، ރަމަޟާން މަހުގެ މާތްކަމާއި އަޅުކަމުގެ ސަވާބު އިތުރުވެގެންދާތީ މި މައްސަރުގައި ދަމުނަމާދަށް މުސްލިމުން ދޭ ސަމާލުކަން ބޮޑެވެ.
ރަސޫލުﷲ صلى الله عليه وسلم ކޮންމެ ރޯދަ މަހެއްގެ ފަހު ދިހައިގައި އިއުތިކާފަށް އިންނެވި ކަމަށް ޘާބިތުވެފައިވާއިރު، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަ މަހުގައި ވިހި ދުވަހު އިއުތިކާފު ކުރެއްވި ކަމަށް ރިވާވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ