ތާރީޚީ އަދަދަކަށް ޙާފިޒުން ދަސްވެނިވާ ޖަލްސާ އާދިއްތަ ދުވަހުގެ ރޭ އޮންނާނެ

ތާރީޚީ އަދަދަކަށް ޙާފިޒުން ދަސްވެނިވާ ޖަލްސާ އާދިއްތަ ދުވަހުގެ ރޭ އޮންނާނެ

Author
ޙަސަން މުޙައްމަދު
25 ފެބްރުއަރީ 2026 11:09
0

މި އަހަރުގެ ޙާފިޒުން ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މިއަހަރަކީ ތާރީޚީ ގޮތުން އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސްކޮށްގެން ދަސްވެނިވާ އަހަރެވެ. އެގޮތުން މިދިޔަ ރަމަޟާން މަހާ އަޅާބަލާއިރު، މި ރަމަޟާން މަހު ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު ދެގުނައަށް އިތުރުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ޙާފިޒުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޖުމްލަ ޢަދަދު ވަނީ 291 އަށް އަރާފައެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް މިހާރުވެސް ހިންގަމުންދާއިރު، ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ. ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގުނައަށް ބޮޑުކޮށްދެއްވާފައެވެ. މިވަގުތު މާލެއާއި އަތޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތުން ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު އަދަދެއްކަމަށް އިސްލާމީ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޙާފިޒުންގެ ޢަދަދު 500 އަށް އިތުރުކުރުމެވެ.

މީގެ އިތުރުން، ދަސްވެނިވާ ޙާފިޒުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ އިނާމުތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. 2014 ވަނަ އަހަރުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެމުން އައިސްފައިވަނީ ހަމައެކަނި އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށެވެ. ނަމަވެސް، ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ހުރިހާ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.