ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރާ މީހުންނަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮލަރަށް އެދެވޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޚިދުމަތް މިހާރު އެޕް މެދުވެރިކޮށް ލިބޭނެއެވެ. މި ބަދަލާއެކު، ޑޮލަރު ގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި، ހުށަހަޅާ ފޯމުގެ 'ސްޓޭޓަސް' ނުވަތަ ކުރިއަށްދާ ގޮތް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކުން ގެނައި މުހިންމު ބަދަލެކެވެ.
މި އުސޫލުގެ ދަށުން ޑޮލަރު ދޫކުރާ މިންވަރުތަކަށް ބަލާއިރު، އާސަންދަ އަދި އެންސްޕާގެ އެހީގައި ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ދޫކުރާނީ 1،000 ޑޮލަރެވެ. މި ޚިދުމަތަށް އެދި ހުށަހެޅުމުން، ބޭންކުން ވިއްކާ ޑޮލަރު ޖަމާކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ފަރާތެއްގެ ބީއެމްއެލް އެކައުންޓަށެވެ.
ކޮމެންޓު ފޮނުވާ