މި ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 19 މިސްކިތެއް ހުޅުވަނީ

މި ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 19 މިސްކިތެއް ހުޅުވަނީ

Author
ޙަސަން މުޙައްމަދު
18 ފެބްރުއަރީ 2026 11:20
0

މި އަހަރުގެ ރޯދަމަހާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 19 މިސްކިތެއް ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރޯދަމަހަށް ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއް މިހާރުވެސް ހުޅުވާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ތަންތަން ރޯދަމަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ސަރުކާރުން ބިނާކުރި މިސްކިތްތަކާއި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިސްކިތްތަކުގެ އިންތިޒާމުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މާލޭގައި 800 މީހުންނަށްވުރެ ގިނަ މީހުންގެ ޖާގަ ހުރި ހުރިހާ މިސްކިތެއް (ގާތްގަނޑަކަށް 4 މިސްކިތް) މިހާރު ވާނީ އޭސީކޮށް ނިމިފައި ކަމަށެވެ. ހަމައެއާއެކު، ކިންގް ސަލްމާން މިސްކިތުގެ އޭސީއަށް ދިމާވެފައިވާ މައްސަލަވެސް މިހާރު މުޅިން ހައްލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ފަހަރުގެ ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ދިވެހި ހާފިޒުންކަން ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރަށްރަށުގައި ޤުރުއާން ކިޔަވައިދިނުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން، ޓީޗަރުން ނެތް 10 ރަށަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް، ޤުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އެ ޓީޗަރުން އިއްޔެ ފޮނުވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަމާލުކަން ދީގެން، މިއަހަރަކީ އަތޮޅުތަކުގައި އެންމެ ގިނަ އިހްޔާ ފޯރަމް ބާއްވާ އަހަރު ކަމަށް ވާއިރު، ޖުމްލަ 10 ރަށެއްގައި މި ފޯރަމްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.