މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފި

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފި

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 08:32
0

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ހަނދު ސާބިތު ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއަށްފަހު އިއްވި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖެއާއި އިސްލާމީ އެހެން ބައެއް ގައުމުތަކަށް ހަނދު ފެންމަތީގައި ހުންނާނެކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެއެވެ. އަދި ބައެއް އިސްލާމީ ގައުމުތަކަށް ރޯދަމަހުގެ ހަނދު ފެނިފައިވާކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާތީ، ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ޢަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ކަލަންޑަރުގައިވެސް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ލިޔެފައިވާއިރު، ސައުދީ އަރަބިއްޔާއިން ވެސް ވަނީ މާދަމާއަކީ އެގައުމަށް ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައެވެ. ފަލަކީ ގޮތުން ބަލާއިރު މާލެއަށް އިރުއޮއްސުނުއިރު ހަނދު ފެންމަތީގައި ނެތް ނަމަވެސް، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަށް އިރުއޮއްސުނު ވަގުތު ހަނދު ފެންމަތީގައި ހުރުމާއެކު، ލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް ޝަރުޢީ އަދި ފަލަކީ ހަމަތަކުން ރާއްޖެއަށް މިވަނީ ރަމަޟާންމަސް ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.