ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި އެއް މަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅީގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބޮޑު އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.
މި ތަމްރީނުތަކަކީ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ހަނގުރާމައިގެ ގާބިލުކަން އިތުރުކޮށް، ތައްޔާރީ ހާލަތު ޔަގީންކުރުމަށް ފެށި ތަމްރީނުތަކެއް ކަމަށް އިރާނުން ހާމަކުރެއެވެ. އިރާނުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، މިއީ ގައުމުގެ ސަލާމަތީ ޕްލޭންތައް ވަރުގަދަކޮށް، ބޭރުގެ ފަރާތަކުން އަތުވެދާނެ ކުއްލި ހަމަލާއަކުން ގައުމު ދިފާއުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފަރިތަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މި ތަމްރީނުތައް ފަށާފައި މިވަނީ އިރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނިއުކްލިއާ މައްސަލައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފެށުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ. މި ދަނޑިވަޅަކީ ނިއުކްލިއާ މައްސަލަ ހޫނުވެ، އެމެރިކާއިން އިރާނަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރުތަކާއެކު، މެދުއިރުމައްޗަށް އެމެރިކާގެ މަނަވަރުތަކާއި ސިފައިން ޖަމާކުރަމުންދާ ވަގުތެއްކަން ފާހަގަކޮށްލެވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ނާޒުކު ވަގުތެއްގައި އިރާނުން ފެށި މި އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގަލްފުގެ ގައުމުތަކާއި އޮމާންއާ ދެމެދު އޮންނަ ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު، މި ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
ކޮމެންޓު ފޮނުވާ