މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

Author
އާދަމް ނުހާދް
15 ފެބްރުއަރީ 2026 01:31
0

މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ނެރުއްވި އެންގެވުމެއްގައިވާ ގޮތުން، މިއަހަރުގެ މަސައްކަތު ގަޑިތައް ހަމަޖެހިފައިވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށެވެ. މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ދާއިމީ އުސޫލެކެވެ. އެގޮތުން 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ، ކޮންމެ އަހަރެއްގެވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އަކުން 1 އަކަށް ކަމުގައި ކަނޑައަޅުއްވާފައެވެ.

އާންމު މަސްތަކަށްވުރެ ރޯދަ މަހުގެ މަސައްކަތު ގަޑިތައް ކުރުކުރައްވާފައިވަނީ، ރޯދަ ހިފާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި ދީނީ ކަންކަމާއި އަޅުކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވެސް ހަމަޖައްސަވާފައެވެ. މިއީ ރޭއަޅުކަމާއި ދީނީ ކަންކަމަށް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ މުހިންމު ނިންމެވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.