ސްޕޯޓްސް އެވޯޑުގެ ފާޑުކިޔުންތައް އެސޯސިއޭޝަންތަކަށް: "މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނެތް"

ސްޕޯޓްސް އެވޯޑުގެ ފާޑުކިޔުންތައް އެސޯސިއޭޝަންތަކަށް: "މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނެތް"

Author
އަހުމަދު
14 ފެބްރުއަރީ 2026 11:12
0

މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ ގުޅިގެން އުފެދިފައިވާ ޝަކުވާތަކުގެ ޒިންމާ ނަގަންޖެހޭނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަމަށާއި، އެކަމުގައި ވުޒާރާގެ ދައުރެއް ނެތް ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

މި ފަހަރުގެ އެވޯޑަށް ނަންތައް އިއުލާނުކުރުމާއެކު، ހައްގު މިންވަރު ލިބެންޖެހޭ އެތައް ފަރާތެއް ބާކީވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި، ކާމިޔާބު ކޯޗުންގެ އިތުރުން ނޫސްވެރިންނާއި ރެފްރީން ވެސް ހިމެނެއެވެ. ޚާއްސަކޮށް މީޑިއާ ކެޓަގަރީން ނޫސްވެރިޔާގެ އެވޯޑާއި ވިޝުއަލް އާޓިސްޓްސްގެ އެވޯޑަށް ބޭނުންވާ އަދަދަށް ވެސް މީހުން ނޮމިނޭޓްވެފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެވޯޑުގެ އުސޫލު ކަނޑައަޅާފައިވަނީ ސްޕޯޓްސް ކައުންސިލުންނެވެ. އެ އުސޫލުގެ ދަށުން ނޮމިނޭޝަން ހުށަހެޅުމުގެ ފުރިހަމަ ބާރު އޮންނަނީ އެސޯސިއޭޝަންތަކަށެވެ. ފަނޑިޔާރުންގެ ދައުރަކީ ހަމައެކަނި އެސޯސިއޭޝަންތަކުން ފޮނުވާ ނަންތަކާއި ޕޯޓްފޯލިއޯތައް ބަލައި، އެ ހުށަހެޅުންތަކަށް އިންސާފުކުރުމެވެ. އެހެންކަމުން ވަކި މީހަކު ނޮމިނޭޓް ނުކުރި ނަމަވެސް، އެކަން ބަދަލުކުރުމުގެ ބާރެއް މިނިސްޓްރީއަކަށް ނޯންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް އެސޯސިއޭޝަންތަކުން ނޮމިނޭޝަނަށް ބޭނުންވާ އަދަދަށް ވެސް ނަން ފޮނުވާފައެއް ނުވެއެވެ. އަދި އަނެއްބައި އެސޯސިއޭޝަންތަކުން ސުންގަޑި ހަމަވިފަހުން ނަން ފޮނުވިއިރު، އެއްވެސް ނަމެއް ނުފޮނުވާ ތަންތަން ވެސް އެބަހުއްޓެވެ. މިސާލަކަށް ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ސާފިންއިން މޮޅު ކުޅުންތެރިޔާގެ މަގާމަށް އެއްވެސް ނަމެއް ނޮމިނޭޓްވެފައެއް ނުވެއެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓިފައި އޮތުމާއި، ބާސްކެޓްގެ މުބާރާތްތައް މަދުވުން ފަދަ ކަންކަން އެސޯސިއޭޝަންތަކުން ފާހަގަކުރެއެވެ.

ވަކިވަކި ފަރުދުންގެ ކުޅަދާނަކަމާއި ހުނަރުވެރިކަން މިނިސްޓްރީއަށް ފާހަގަކުރެވުނު ނަމަވެސް، އުސޫލުގެ ބޭރުން ނަންތައް އިތުރު ނުކުރެވޭނެކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، މިހާރު ކަން ހިނގަމުންދާ ގޮތުން ބައެއް ފަރާތްތަކުގެ ހައްގު ގެއްލޭ ކަމަށެވެ. އެހެންކަމުން، އެސޯސިއޭޝަންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައި އަމިއްލަ ހައިސިއްޔަތުން ވެސް ނަން ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ސްޕޯޓްސް ކައުންސިލުން އެކަމާ މެދު ވިސްނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.