ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސް

ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސް

Author
ޙަސަން މުޙައްމަދު
06 ފެބްރުއަރީ 2026 06:47
0

ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއެކު، ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް ކަމަށާއި، އެ ޙައްޤު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީގެ ދުވެލި ހާމަކޮށްދިނުމުގައި، އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި، "ފަސް ކާފު" ގެ ހަމަހިފަހައްޓާ ހަރުދަނާ މީޑިއާއެއްގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރެއްވިއެވެ.

މީޑިއާތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން މިހާތަނަށް 40 މީޑިއާއަކަށް 27.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެއިތުރުން، މީޑިއާތައް ހިންގުމަށް އޮފީހާއި ސްޓޫޑިއޯ ފަދަ ތަންތަން ބޮޑު އަގުގައި ކުއްޔަށް ހިފަންޖެހުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭ ފޭސް 1 ގައި ޤާއިމުކުރާ "މީޑިއާ ވިލެޖް" ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، ކުޑަ އަގެއްގައި ކުއްޔަށް ނެގޭނެ 34 ޖާގަ ހިމެނޭ މި ތަނުގެ މަސައްކަތް ނިންމައި، މިއަހަރުގެ މެދުތެރޭގައި މީޑިއާތަކަށް އެތަން ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.