ހުޅުމާލޭގައި 10،000 މީހުންނަށް ނަމާދުކުރެވޭ ބޮޑު މިސްކިތެއް ބިނާކުރަނީ

ހުޅުމާލޭގައި 10،000 މީހުންނަށް ނަމާދުކުރެވޭ ބޮޑު މިސްކިތެއް ބިނާކުރަނީ

Author
ހުސައިން
05 ފެބްރުއަރީ 2026 09:23
0

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ހުޅުމާލޭގައި ގްރޭންޑް މޮސްކް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު 13 ގައި ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވި ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި މަޝްރޫޢުގައި ވަޤުފު ބިނާތަކާއި ކޮމާޝަލް އިމާރާތްތަކާއި ޕާކިން ސަރަހައްދު ހިމެނޭ ކޮމްޕްލެކްސްއެއް ޤާއިމުކުރެވޭނެއެވެ. ވަޤުފު އިމާރާތްތަކުން ލިބޭ ނަފާ ހަރަދުވާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޤުރްއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ވަސީލަތްތަކުގެ އިތުރުން ދިވެހިންނަށް ފަޚުރުވެރިވެވޭނެ ތަނަކަށް މި މިސްކިތް ވާނެއެވެ.

ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން މި މަޝްރޫޢަށް ފަންޑު ހަމަޖައްސައިދީފައިވާއިރު، މިހާރު ކުރިއަށްދަނީ ތަފްޞީލު ޑިޒައިން އެކުލަވާލުމުގެ މަސައްކަތެވެ. ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ޑިޒައިން ކުރަމުންދާ މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވެއެވެ. ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 ދެމެދުގައި ބިނާކުރާ މި މިސްކިތަކީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.