ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެ، ޖުމްލަ 762 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާކިޔާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުތައް ދައްކާގޮތުން، ކުންފުނީގެ ވިޔަފާރިތައް ފުޅާވެ، ހިންގުން ހަރުދަނާވުމުގެ ސަބަބުން މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރަށްވުރެ 98 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިގޮތުން ލިބުނު އާމްދަނީން ޓެކްސްއަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ފައިދާގެ ގޮތުގައި 910 މިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަހަރުގެ ފަހު ކުއާޓަރަށް ވަކިން ބަލާލާއިރު، އެ ކުއާޓަރުގައި އެކަނިވެސް 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާއެއްގެ ވިޔަފާރިވެސް ރަނގަޅުވުމެވެ. ވަކިން ހާއްސަކޮށް ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ 4 އިންސައްތަ އިތުރުވިއިރު، އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ 19 އިންސައްތަ އިތުރުވެފައެވެ.
މީގެ އިތުރުން، އާމްދަނީ އިތުރުވުމާ ގުޅިގެން ފަހު ކުއާޓަރުގެ ޖުމްލަ ފައިދާ 671 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ 11 އިންސައްތަ މަތީ އަދަދެކެވެ. ހަމައެއާއެކު، ހިންގުމުގެ ފައިދާވެސް 11 އިންސައްތަ އިތުރުވެ 322 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނި ހިންގުމުގައި ފައިނޭންސް ކުރުމަށް ހިނގާ ޚަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ފަހު ކުއާޓަރުގެ ސާފު ފައިދާ ވަނީ 276 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 20 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 244 މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ