ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އަދި މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެސްޖޭ ޕްރައިވެޓް ލިމިޓެޑުން ފަތުރުވެރިކަމުގެ ސިނއަތުގައި އިންވެސްޓުކުރުމަށް ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވާ ގޮތުގައި، ސަރުކާރުން ކްލޯޒް ބިޑިންގ އުސޫލުން ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ކުންފުނިން ނަގާފައިވަނީ ޅ. އަތޮޅު ފިހަފަރުފިނޮޅެވެ. މި ރަށް ތަރައްގީކުރުމަށްޓަކައި އެސްޖޭ ކުންފުނިން މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަށާ ރަސްމީކޮށް ހަވާލުވެފައެވެ.
މި ރަށް އެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ކްލޯޒް ބިޑިންގ ނުވަތަ ހުށަހެޅުންތައް ހުށަހެޅުމަށް ދައުވަތު ދެވޭ އުސޫލުގެ ތެރެއިންނެވެ. މި އުސޫލަކީ ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ލިބޭ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން އިވެލުއޭޓްކުރުމަށްފަހު، އެންމެ ފުރަތަމަ ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކޮށް އެ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ އުސޫލެކެވެ.
މުހައްމަދު ޝާހިދު އާއި ޝާހިދު އިބްރާހިމް ހިއްސާދާރުންގެ ގޮތުގައި ތިއްބަވާ އެސްޖޭއަކީ 1996 ވަނަ އަހަރު ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ފެށި ކުންފުންޏެކެވެ. ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ވަނީ އިމާރާތްކުރުމުގެ ހައްލުތަކާއި އިންޖިނިއަރިންގ މަސައްކަތްތަކުގައި ބޮޑެތި ތަޖުރިބާތަކާއި ހުނަރުތައް ހޯދައި، ސިވިލް ކޮންސްޓްރަކްޝަނާއި ވަޑާމުގެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން 2017 ވަނަ އަހަރު "އެސްޖޭ ޓްރޭޑް" ގެ ނަމުގައި ސިސްޓަރ ކުންފުންޏެއް އުފައްދައި، "އެސްޖޭ ހާޑްވެއާ" އާއި "އެސްޖޭ އެލުމިނިއަމް" ގެ ޚިދުމަތް ވެސް ވަނީ ފަށާފައެވެ.
ރިއަލް އެސްޓޭޓާއި ކޮންސްޓްރަކްޝަންގެ އިތުރުން ރީޓެއިލް ވިޔަފާރީގައި ވެސް ފައިތިލަ ސާބިތުކޮށްފައިވާ އެސްޖޭއިން ދާދި ފަހުން ވަނީ އާންމު މުދާ ވިއްކުމަށް ޚާއްސަ މޯލެއް ވެސް ހުޅުވާފައެވެ. އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކުމާއި ކުއްޔަށް ދޫކުރުމުގެ ޚިދުމަތް ވެސް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ މި ކުންފުނިން ރިސޯޓް ވިޔަފާރީގެ ތެރެއަށް ވަނުމަކީ، އެ ކުންފުނީގެ ވިޔަފާރީގެ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.
ކޮމެންޓު ފޮނުވާ