ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޚާއްސަކޮށްގެން، ފަސޭހަކަމާއެކު އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭނެ އައު ނިޒާމެއް ކަމަށްވާ "ބަލްކް ޕޭމަންޓް" ގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ. މި އައު ޚިދުމަތާއެކު ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ހިންގުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި މި ޚިދުމަތް މެދުވެރިކޮށް މުވައްޒަފުންގެ މުސާރައާއި، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ، އޮޓޮމޭޓެޑްކޮށް އެއްފަހަރާ ގިނަ ފަރާތްތަކެއްގެ އެކައުންޓްތަކަށް ޖަމާކޮށްލެވޭނެއެވެ. ދިވެހި ރުފިޔާގެ އިތުރުން ޔޫއެސް ޑޮލަރުންވެސް މުއާމަލާތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޚިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ވަގުތު ސަލާމަތްކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ފާހަގަކުރެއްވި ގޮތުގައި، މިއީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރައްކާތެރިކަމާއި އިތުބާރާއެކު މުއާމަލާތްތައް ހިންގުމަށް ވިޔަފާރިތަކަށް ހުޅުވިގެންދިޔަ ދޮރެކެވެ. އޭނާ ވިދާޅުވީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް ރިއާޔަތްކޮށް، އެއްވެސް ތަކްލީފަކާ ނުލައި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެއް ކަމަށާއި، މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތައް، އަދި މުޅި މުޖުތަމައު ބާރުވެރިކުރުވުމަށެވެ. މިގޮތުން ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ބޭންކިންގ ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ އެކަށޭނަ ހައްލުތައް ހޯދައިދިނުމުގައި ބޭންކުން ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ބޭންކުން ދެއެވެ.
ކޮމެންޓު ފޮނުވާ