އީރާނުގެ މަސްރަހު ހޫނުވެފައިވަނިކޮށް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް މެދުއިރުމައްޗަށް

އީރާނުގެ މަސްރަހު ހޫނުވެފައިވަނިކޮށް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް މެދުއިރުމައްޗަށް

Author
ޙަސަން މުޙައްމަދު
24 ޖެނުއަރީ 2026 08:46
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިތުރު ހަމަލާތަކެއް ދޭން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައި ވަަނިކޮށް، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އަސްކަރީ އެހެން އުޅަނދުތައް ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމައްޗަށް ދާނެކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަން ނަމަކަށް ކިޔާ މަތިންދާބޯޓު އުފުލާ މަނަވަރާއި، ހަނގުރާމަ މަތީ މަނަވަރުތަކާއި ފައިޓަރ ޖެޓުތައް ހިމެނޭހެން އެމެރިކާގެ އަސްކަރީ އުޅަނދުތައް އޭޝިއާ-ޕެސިފިކް ސަރަހައްދުން ދަތުރު ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. މިއީ އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ.

މީގެ ތެރެއިން އެއް އޮފިޝަލަކު ވިދާޅުވި ގޮތުގައި މެދުއިރުމައްޗަށް އިތުރު އެއާ ޑިފެންސް ސިސްޓަމްތައް (ވައިގެ ދިފާއީ ނިޒާމުތައް) ފޮނުވުމަށްވެސް ދަނީ ވިސްނަމުންނެވެ. ސަރަހައްދީ މަސްރަހު ހޫނުވާ ދަނޑިވަޅުތަކުގައި އެމެރިކާއިން އާންމުކޮށް މެދުއިރުމަތީގައި ތިބޭ ސިފައިންގެ އަދަދު އިތުރުކުރެއެވެ. މިއީ ހަމައެކަނި ދިފާއީ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ކުރިން، ހޫނު މޫސުމުގައި އެމެރިކާއިން ވަނީ ބޮޑު އަސްކަރީ ތައްޔާރީތަކެއް ވެފައެވެ. އަދި ހަމަލާ ދިނުމުގެ ނިޔަތް ސިއްރުކޮށްގެން ތިބިކަމަށް ފަހުން އެމެރިކާއިން ވަނީ ބުނެފައެވެ.

އީރާނުގައި މުޒާހަރާކުރި މީހުން މެރުމާ ގުޅިގެން ޓްރަމްޕް ވަނީ ތަކުރާރުކޮށް އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި މުޒާހަރާތައް މަޑުޖެހުމާއެކު ޓްރަމްޕްގެ ވާހަކަފުޅުތައް ވެސް ވަނީ މަޑުވެފައެވެ. އޭނާގެ ނަޒަރު މިހާރު ހުރީ ދުނިޔޭގެ ސިޔާސީ އެހެން ކަންކަމަށެވެ. އޭގެ ތެރޭގައި ގްރީންލޭންޑް ހޯދުމުގެ ޝައުގުވެރިކަން ހިމެނެއެވެ.

ބުދަ ދުވަހު ޓްރަމްޕް ވިދާޅުވީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިވަޑައިނުގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ތެހެރާނުން އަލުން ނިއުކްލިއަރ ޕްރޮގްރާމް ފަށައިފިނަމަ އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

ސްވިޒަލޭންޑްގެ ޑާވޯސްގައި ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ "އެމީހުންނަށް ނިއުކްލިއަރ ކަންތައް ނުކުރެވޭނެ" ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތައް ފާހަގަކުރައްވަމުން ވިދާޅުވީ، "އެކަން ކޮށްފިނަމަ، އަނެއްކާވެސް އެ ހަމަލާތައް އަންނާނެ" ކަމަށެވެ.

އދ. ގެ ނިއުކްލިއަރ ވޮޗްޑޯގް، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން އީރާނުގެ މަތީ ދަރަޖައަށް ފައްކާކޮށްފައިވާ ޔުރޭނިއަމް ސްޓޮކް އެންމެ ފަހުން ޔަގީންކުރިތާ މިހާރު މަދުވެގެން ހަތް މަސް ވެއްޖެއެވެ. އެ އޭޖެންސީގެ ގަވާއިދު ބުނާގޮތުން މިއީ ކޮންމެ މަހަކު ކުރަންޖެހޭ ކަމެކެވެ.

އެމެރިކާއިން ހަމަލާދިން ތަންތަނާއި އެތަންތަނުގައި ހުރިކަމަށް ބެލެވޭ ނިއުކްލިއަރ މާއްދާތަކާ ގުޅޭ ރިޕޯޓެއް އީރާނުން އައިއޭއީއޭއަށް ހުށަހަޅަން ޖެހެއެވެ. އޭގެ ތެރޭގައި 60 އިންސައްތައަށް ފައްކާކޮށްފައިވާ 440.9 ކިލޯގެ ޔުރޭނިއަމް ހިމެނެއެވެ. މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތަ އާއި ގާތް މިންވަރެކެވެ. އައިއޭއީއޭގެ މިންގަނޑުން ބަލާނަމަ، މިއީ އިތުރަށް ފައްކާކޮށްފިނަމަ 10 ނިއުކްލިއަރ ބޮން ހެދޭނެ މިންވަރެވެ.

އީރާނުގައި މުޒާހަރާތައް އަލުން ފަށާފާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އިގްތިސާދީ ދަތިކަމާ ހެދި ޑިސެމްބަރު 28 ވަނަ ދުވަހު ތެހެރާންގެ ގްރޭންޑް ބާޒާރުގައި ކުޑަކޮށް ފެށުނު މުޒާހަރާތައް ވަރަށް އަވަހަށް މުޅި ގައުމަށް ފެތުރުނެވެ.

އެމެރިކާގައި ހިންގާ އެޗްއާރްއޭއެންއޭ ރައިޓްސް ގްރޫޕުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކާ ގުޅިގެން މަރުވި 4،519 މީހުންގެ މައުލޫމާތު އެމީހުން ވަނީ ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި 4،251 މުޒާހަރާގެ ބައިވެރިންނާއި، ސަލާމަތީ ބާރުތަކުގެ 197 މީހުންނާއި، 18 އަހަރުން ދަށުގެ 35 ކުދިންނާއި، މުޒާހަރާގައެވެސް އަދި ސަލާމަތީ ބާރުތަކުގައެވެސް ނުހިމެނޭ 38 އާންމުން ހިމެނެއެވެ.

އަދި އިތުރު 9،049 މަރުގެ މައްސަލަ އެޖަމާއަތުން ދަނީ ބަލަމުންނެވެ. އީރާނުގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ ގިނައެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 500 މީހުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.