"ބޯހިޔާވަހިކަން އެންމެނަށް" މަޝްރޫއުގެ ދަށުން ސަރުކާރުން އަލަށް ހުޅުވާލި ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ފަރާތްތަކުން، މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަން ސާބިތުކޮށްދިނުމަށް ކައުންސިލުގެ ލިޔުން ހޯދަން އެދެމުން ދިޔަ ނަމަވެސް، އެފަދަ ލިޔުމެއް ދޫކުރެވެން ނެތްކަމަށް ގދ. މަޑަވެލީ ކައުންސިލުން ހާމަކޮށްފިއެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެރަށުގެ ގިނަ ބަޔަކު އެފަދަ ލިޔުންތައް ހޯދުމަށް ކައުންސިލަށް ހުށަހަޅަމުންދާ ދަނޑިވަޅެއްގައެވެ.
އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހައުސިންގ މިނިސްޓްރީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ދައުލަތުގެ އިދާރާއަކުން ދޫކުރާ ލިޔުމެއް ބަލައިގަނެވޭނީ އެ އިދާރާއެއްގައި ރަސްމީކޮށް ބަލަހައްޓާ ރެކޯޑުތަކުން އެ މައުލޫމާތެއް ސާބިތުވާން އޮންނަ ނަމައެވެ. ނަމަވެސް މަޑަވެލީ ކައުންސިލުގެ ރަސްމީ ރެކޯޑުތަކުގައި، ރަށުގެ ރައްޔިތުން މާލޭގައި ދިރިއުޅުނު މުއްދަތުތައް ބަލަހައްޓާފައި ނުވާތީ، އެކަން ކަށަވަރުކޮށްދީ ލިޔުން ދޫކުރުމަކީ އެ ކައުންސިލަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ދާދިފަހުން ދައުލަތުގެ މީޑިއާގައި މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ކައުންސިލްގެ ރައީސަށް "ހިތުގައި އޮންނަ އެނގުމަކަށް" ބުރަވެ ލިޔުން ދޫނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ލިޔުން ދޫކުރަންވާނީ މުއައްސަސާއެއްގައި ރައްކާކުރެވިފައިވާ ރަސްމީ ޑޭޓާއަށް ބިނާކޮށެވެ.
އެހެންނަމަވެސް، ވަޒީފާގެ ލިޔުން ނުވަތަ ދަރިންގެ ސްކޫލް ރެކޯޑު ފަދަ ރަސްމީ ލިޔެކިޔުމެއް ނެތް ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ ލުއި ގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން އެމީހަކު ދިރިއުޅުނު ގެއެއްގެ ވެރިފަރާތުގެ ލިޔުން ހުށަހެޅިދާނެ ކަމަށާއި، ނަމަވެސް އެއީ ގާނޫނީ ގޮތުން ޒިންމާ އުފުލަންޖެހޭ ފަދަ، ލޯޔަރަކު މެދުވެރިކޮށް ހަދާފައިވާ "ނޮޓަރައިޒްޑް އެފިޑެވިޓް" އަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ދޮގު މައުލޫމާތު ދީގެން ހައްގު ނޫން ބަޔަކު ފްލެޓް ހޯދުން ހުއްޓުވުމަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ.
ކައުންސިލްތަކުގެ ލިޔުންތަކަށް ސަރުކާރުން މިހާ ބޮޑަށް ފާރަވެރިވެ، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މިވަނީ، ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގައި މާލޭގައި ނުއުޅޭ ފަރާތްތަކަށް ވެސް 15 އަހަރު ހަމަވާކަމަށް ބުނެ ބައެއް ކައުންސިލްތަކުން ދޮގު ލިޔުން ދޫކޮށްފައިވާ މައްސަލަތަކެއް އޭސީސީއަށް ފާހަގަކުރެވި، އެފަދަ ކައުންސިލްތަކަށް ފިޔަވަޅު އަޅާނެކަމަށް އެ ކޮމިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ