ސަރުކާރުން އަލަށް އެކުލަވާލި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމުކުރުމާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން، ސަން ސިޔާމް ގްރޫޕުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދެމުން އަންނަ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މިކަމާ ގުޅޭގޮތުން ސަން ސިޔާމް ގްރޫޕުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އައު ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ލުއިވާނެ ފަދަ އެދެވޭ ހައްލެއް މިހާތަނަށް ލިބިފައިނުވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި ނިންމުމާއެކު، އެ ގްރޫޕުގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނަށްވެސް ކުރިއަށް އޮތްތަނުގައި ސާވިސް ޗާޖު ލިބޭނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް، ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރި ކަމުގައި ވިޔަސް، މުވައްޒަފުންގެ އަސާސީ މުސާރަ ޑޮލަރުން ދިނުމުގައި ދެމިތިބޭނެ ކަމަށް އެ ގްރޫޕުން ވަނީ ކަށަވަރުކޮށްދީފައެވެ.
އައު ގަވާއިދު ތަންފީޒުކުރަން ފެށި ފަހުންވެސް މުވައްޒަފުންނަށް ޑޮލަރުން ފައިސާ ދިނުމަށް ކުންފުނިން ބޮޑެތި ގުރުބާނީތަކެއް ވެފައިވާކަން މެނޭޖްމަންޓުން ފާހަގަކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއަށް އުފުލިފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ.
ކޮމެންޓު ފޮނުވާ