ޒަކާތުގެ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށުމާ ގުޅިގެން، އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަލަށް އުފައްދާފައިވާ "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް އަމަލީގޮތުން ފަށައިގަތުމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުން ވަނީ ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ޒަކާތުގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު އިދާރީގޮތުން ހިންގުމާއި ބެލެހެއްޓުމުގައި ޒަކާތު ހައުސްއަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.
ޒަކާތު ކައުންސިލް އެކުލެވިގެންވަނީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި މުއައްސަސާތައް ތަމްސީލުކުރާ 9 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރުގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)، މާލިއްޔަތާބެހޭ ވުޒާރާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަދި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ، ޒަކާތުގެ ދާއިރާގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ދެ މެމްބަރުންވެސް މި ކައުންސިލްގައި ތިއްބަވަން ޖެހެއެވެ. މި ދެ މެންބަރުކަމަށް އާންމުންނަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ މެންދުރު 12:00 އަށް ހަމަވާއިރު، މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ