ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ސަރުކާރުން ފަށާފައިވާ "ފަށާ މަދަދު" ލޯނު ސްކީމަށް އާންމުންގެ ފަރާތުން ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިފްތިތާހުކުރި 100 މިލިއަން ރުފިޔާގެ މި ސްކީމަކީ ފަސް އަހަރު ދުވަހަށް ބަހާލައިގެން، ކޮންމެ އަހަރަކު 20 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ސްކީމެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އިންޗާޖު މަރިޔަމް ޝަޒްނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މި ސްކީމުގެ އަމާޒަކީ ޖުމްލަ 400 އެއްހާ އަންހެން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ސްކީމަށް އޮތް ޑިމާންޑް ބޮޑުކަމުން، ކޮންމެ އަހަރަކު 200 އަށްވުރެ ގިނަ ފަރާތުން ލޯނަށް އެދި ހުށަހަޅާއިރު، ބަޖެޓް ހަމަޖެހިފައިވާ ގޮތުން އަހަރަކު ލޯނު ދޫކުރެވެނީ ގާތްގަނޑަކަށް 70 ފަރާތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ސްކީމަށް އޮތް ބޮޑު ޑިމާންޑަށް ރިއާޔަތްކޮށް، އަންހެން ވިޔަފާރިވެރިންނަށް އިތުރު ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ފާއިތުވި ނޮވެމްބަރު މަހު އެސްއެމްއީ ޑިޖިޓަލް އިން ވަނީ ޚާއްސަ ފައިނޭންސް ސްކީމެއް ވެސް ތައާރަފުކޮށްފައެވެ. ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް ދޫކުރާ މި އާ ސްކީމުގެ ދަށުން، ރަހުނަކާ ނުލައި 250،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބޭއިރު، އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ