ހޮރްމުޒް ރަށުގެ ގޮނޑުދޮށާއި މޫދު ރަތްވުން ދުނިޔޭގެ ސަމާލުކަން ލިބުނު ގުދުރަތީ ހާދިސާއަކަށް

ހޮރްމުޒް ރަށުގެ ގޮނޑުދޮށާއި މޫދު ރަތްވުން ދުނިޔޭގެ ސަމާލުކަން ލިބުނު ގުދުރަތީ ހާދިސާއަކަށް

Author
އަހުމަދު
19 ޑިސެމްބަރ 2025 11:25
0

ޕާޝިއަން ގަލްފުގައި އޮންނަ އީރާނުގެ ހޮރްމުޒް ރަށަށް ބޯކޮށް ވާރޭވެހުމާއެކު ރަށުގެ ގޮނޑުދޮށްތަކާއި މޫދު ކްރިމްސަން ރަތްކުލައަކަށް ބަދަލުވެ ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މި ހައިރާންކުރުވަނިވި މަންޒަރުތަކުގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެ ވައިގައި ހިފާފައިވާއިރު، ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރާއިރު ބައެއް މީހުން ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ. ނަމަވެސް މިއީ މުޅިން ގުދުރަތީ އަދި އެއްވެސް ނުރައްކަލެއް ނެތް ހާދިސާއެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މި ކަމާބެހޭ، ބިމާބެހޭ ސައިންސްވެރިން ބުނާގޮތުގައި، ހޮރްމުޒް ރަށުގެ ބިމުގައި އަޔަން އޮކްސައިޑް، ޚާއްސަކޮށް ހެމަޓައިޓް ގިނަކަމުން މި ކަން ދިމާވާކަމަށެވެ. ވާރޭ ފެން ބިމުގެ ތެރެއަށް ފޭދިގެންދާއިރު އޮކްސައިޑް ފެނުގައި ޑިސޯލްވުވެ، އެ ފެން އަތިރިމަތީގެ ވެލިއަށް އަރާލާއިރު މުޅި ސަރަހައްދު ރަތްކުލައަކަށް ބަދަލުވެއެވެ. ގޮނޑުދޮށަށް ޖަހާލާ ރާޅުތަކާއެކު އެ ރަތް ވެލިތައް މޫދަށް ފެތުރެމުން ދާއިރު، ގޮނޑުދޮށުގައި ގިރާ ސަރަހައްދުތަކުގައި މި ކުލަ އިތުރަށް ގަދަވެއެވެ.

"ޕާޝިއަން ގަލްފުގެ ރެއިންބޯ އައިލެންޑް" ގެ ނަމުން ނަންދީފައިވާ ހޮރްމުޒް ރަށަކީ އެކި ކުލަކުލައިގެ މަޢުދަންތައް ގިނަކަމުން މަޝްހޫރު ރަށެކެވެ. މި ރަތްކުލައިގައި ލޭގެ ކުލައާ އެއްގޮތްކަމެއް ހުރުމުން އިންޓަނެޓްގައި އިތުރަށް ސަމާލުކަން ލިބިފައިވާއިރު، ތިމާވެށީގެ ތަޖުރިބާކާރުން ވަނީ މިއީ ތިމާވެށި ތަޣައްޔަރުވުމެއް ނުވަތަ އެއްވެސް އިކޮލޮޖިކަލް ނުރައްކަލެއްގެ އެލާމެއް ނޫންކަން ފާހަގަކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.