އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން ދެ ފަރާތަށް ވެސް ފިޔަވަޅު އަޅައިފި އެވެ.
މި ހާދިސާ ހިނގީ ގްރޭޑް 12ގެ ދަރިވަރަކާއި ބީޓެކް ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކާ ދެމެދުގަ އެވެ. މައްސަލަ ފެށުނީ ފޯނުން ދެއްކި ވީޑިއޯއަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފަރާތުން ވެސް އެކަކު އަނެކަކުގެ ގައިގައި ޖެހި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. އެއަށް ފަހު ދަރިވަރު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ދަރިވަރުގެ ސަސްޕެންޝަން އުވާލެވޭނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށް، އަމިއްލައަށް މާފަށް އެދުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ޓީޗަރުންގެ ގަޔަށް އަތްލައި މިފަދަ އަމަލުތައް ހިންގާ ދަރިވަރުން ދެން ސަސްޕެންޑް ކުރާނެ އެވެ.
ކޮމެންޓު ފޮނުވާ