ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ޖުމުލަ 1.6 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކާފައިވާ ކަމަށް މިނިސްޓްރީން އާންމުކުރި މައުލޫމާތުން ހާމަވެއްޖެއެވެ. މި ފަހަރު ވިއްކާފައިވަނީ ތަފާތު މުއްދަތުތަކުގެ ހަތަރު ޓީބިލެކެވެ.
ވިއްކި ޓީބިލްތަކުގެ ތެރޭގައި މި ޑިސެމްބަރު 29 ވަނަ ދުވަހު އަނބުރާ ދައްކާ 380 މިލިއަން ރުފިޔާގެ ޓީބިލަކާއި، 2026 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އަނބުރާ ދައްކާ 418.4 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޖޫން 1 ވަނަ ދުވަހު އަނބުރާ ދައްކާ 75 މިލިއަން ރުފިޔާގެ ޓީބިލަކާއި، ނޮވެމްބަރު 30 ވަނަ ދުވަހު އަނބުރާ ދައްކާ 793.9 މިލިއަން ރުފިޔާގެ ޓީބިލެއް ވެސް ވިއްކާފައިވެއެވެ. މި ޓީބިލްތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައެވެ.
ސަރުކާރުން ވިއްކާ ޓީބިލްތައް ގަންނަނީ މައިގަނޑު ގޮތެއްގައި ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބައެއް އަމިއްލަ ކުންފުނިތަކުންވެސް މި ޓީބިލްތައް ގަނެއެވެ. ޓްރެޜަރީ ބިލަކީ ކުރުމުއްދަތުގެ ސަރުކާރު ސެކިއުރިޓީއެއް ކަމަށްވާއިރު، ޑިސްކައުންޓް އަގެއްގައި ވިއްކައި މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަނބުރާ ދައްކާ ގޮތަށް ނަގާ ފައިސާއެކެވެ.
ކޮމެންޓު ފޮނުވާ