އެފްރިކާގެ ގައުމެއްކަމަށްވާ ބެނިންގެ ވެރިކަން އަސްކަރިއްޔާއިން ވައްޓާލިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އެ ވާހަކަތައް އެގައުމުގެ ހާރިޖީ އަދި ދާޚިލީ ވަޒީރު އަލަސާނޭ ސެއިޑޫ ދޮގު ކޮށްފިއެވެ.
ބެނިންގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި އަސްކަރިއްޔާއިން ގައުމުގެ ކޮންޓްރޯލް ނެގި ވާހަކަތައް ރިޕޯޓްކޮށް، ގައުމީ ޓީވީއަށް އަރައި އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ވަނީ ވެރިކަމުގެ ބާރުތައް ހިސާރުކޮށްފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް އެކަމާ ދެކޮޅަށް ސީޖީޓީއެން އެފްރިކާއިން ބުނީ އަސްކަރިއްޔާގެ ބައެއް އޮފިސަރުންނާއި މަދު ސިފައިންތަކެއް ގޮވައިގެން ދައުލަތުގެ މީޑިއާ ހިސާރުކޮށް ވެރިކަން ވައްޓާލިކަން އިއުލާނުކުރިނަމަވެސް ވެރިކަމުގެ ފުރިހަމަ ކޮންޓްރޯލް އަދިވެސް އޮތީ ރައީސް ޕެޓްރިސް ޓެލޮން އަތްޕުޅުގައި ކަމަށެވެ.
މި ހަރަކާތްތައް ހިންގީ އެގައުމުގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ކާނަލް ޕަސްކަލް ޓިގްރީ އިސްވެ ހުންނަވައިގެންނެވެ. ރައީސް ހުންނެވީ ހެޔޮހާލުގައި ވަފާތެރި ސިފައިންނާއެކުގައި ކަމަށްވެސް ސީޖީޓީއެން އެފްރިކާއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ