ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޚާއްސަކޮށް "ޒަކާތު ބެނެފިޝަރީ ކާޑު" ތައާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މި ކާޑު ތައާރަފްކުރަނީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކަމަށާއި، މި ކާޑު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންނަށް ލިބޭނެ ކަމަށެވެ. ޒަކާތު ހައުސިން ކޮންމެ އަހަރަކު ވެސް ކަނޑައަޅާފައިވާ އެހީ އެ ކާޑަށް ޖަމާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިސާލަކަށް ރޯދަ މަހުގައި ފަގީރު މީހަކަށް ކާބޯތަކެތީގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅައިފިނަމަ، އެ ފައިސާއަށް ކަނޑައަޅާފައިވާ ފިހާރަތަކުން މި ކާޑުން ތަކެތި ގަނެވޭނެ ކަމަށެވެ. އަދި އެ ފިހާރައަށް އެއީ ފަގީރެއްކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ.
މި ކާޑުގެ މަގްސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެމީހުންނަށް ފަސޭހަކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ. މަސައްކަތް ކުރަމުންދަނީ އަންނަ ޖެނުއަރީ މަހު މި ކާޑު އިފްތިތާހުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަކާތުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހު ތަސްދީގުކުރައްވާފައިވާއިރު، މި ގާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި، ލިބޭ މުދަލާއި ފައިސާ ބެހުމުގައި ގައުމީ ސިޔާސަތު ކަނޑައަޅުއްވާނީ އިސްލާމިކް މިނިސްޓްރީގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެއެވެ. ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް "ޒަކާތު ކައުންސިލް" އެކުލަވާލުމާއި، ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށް ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް ވެސް އެކުލަވާލެވޭނެއެވެ.
ކޮމެންޓު ފޮނުވާ