އިދިކޮޅު އެއްވުމުން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އިދިކޮޅު އެއްވުމުން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

Author
ހުސައިން
19 ނޮވެމްބަރ 2025 10:15
0

މިދިޔަ މަހު ހައްގުތައް ނުލިބޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އަށް މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ފުލުހުންގެ ފަރާތުން ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެ މީހުންގެ މައްޗަށް ކުރުމަށް ހުށަހެޅި ނަމަވެސް، ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭކަމަށް ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އެ މީހުންގެ އަމަލުތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީ ދައުވާކުރުމުގެ މަސްލަހަތު ނެތްކަމަށް ވެސް ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އަދި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ހިމެނެ އެވެ. އެ އެއްވުމާ ގުޅިގެން އިތުރު ދިހަ މީހެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށާއި އެ ތަހުގީގުތައް ނިމުމާ އެކު ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.