ސަރުކާރުގެ ޚަރަދުގައި ފަޤީރުން ޙައްޖަށް ފޮނުވުމުގެ ގޮތުން މިހާތަނަށް 100 މީހުންނަށް އެފުރުޞަތު ލިބިފައިވާއިރު، ފަރުޟު ޙައްޖު އަދާނުކުރާ ފަޤީރުންގެ ލިސްޓުގައި މިވަގުތު 376 މީހުން ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގައި ވަޢުދުވެވަޑައިގަތީ ސަރުކާރުގެ ބަޖެޓުން ފަޤީރުން ޙައްޖަށް ފޮނުވައިދެއްވާނެކަމުގައެވެ. މި ވަޢުދުފުޅު ފުރިހަމަކުރުމުގެ ގޮތުން ވުޒާރާއިން ބުނީ މިދިޔަ އަހަރާއި މިއަހަރު 50-50 މީހުން ޙައްޖަށް ފޮނުވާފައިވާ ކަމަށާއި، ރައީސްގެ މި ދަޢުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދެއްވާނެކަމަށެވެ.
ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ، ޝަރުތު ހަމަވާ މީހުންނަށް މި ޕްރޮގްރާމްގެ ދަށުން ޙައްޖުވުމުގެ ފުރުޞަތު ދެވިފައިވާއިރު، ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެކެވެ. މިހާރުގެ އުޞޫލުގެ ދަށުން ރާއްޖެއިން މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުންކަމަށްވާއިރު، ފައިސާ ދައްކައިގެން ދިގު އިންތިޒާރެއްގައި ތިބި މީހުންގެ މައްސަލަޔަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަންނަ އަހަރުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވެއެވެ.
އާ އުޞޫލުގެ ދަށުން ޢުމުރުން 65 އަހަރުން މަތީގެ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންނަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރާނެއެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުޞަތު ދީފައިވެއެވެ. އަލަށް ގެނައި އުޞޫލުގައިވާ ގޮތުން ކުރިން ޙައްޖަށް ގޮސްފައިވާ މީހަކަށް އަލުން އެފުރުޞަތު ލިބޭނީ އެންމެ ފަހުން ޙައްޖަށް ދިޔަތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންނެވެ.
ކޮމެންޓު ފޮނުވާ