މީޑިއާ ބިލު ފާސްކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު ބޮޑު ގެއްލުމެއް: ނަޝީދު

މީޑިއާ ބިލު ފާސްކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު ބޮޑު ގެއްލުމެއް: ނަޝީދު

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 08:50
0

ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރި މީޑިއާ ބިލަކީ ދިވެހިރާއްޖެއަށް ވަރަށް ހިތާމަވެރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ މި ބިލުން ދިގު މުއްދަތެއްގައި އެތައް ދަތިކަމަކާ ކުރިމަތިލައިގެން ހޯދާފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައިވާ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅި މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު މަޖިލީހުން ފާސްކުރީ ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާއަކުންނެވެ. 60 މެމްބަރުންގެ ވޯޓުން ފާސްވި މި ބިލަށް ނޫސްވެރިންނާއި ކަމާގުޅޭ ފަރާތްތަކުން ވަނީ ކުރިން ސުވާލު އުފައްދާފަ އެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެތައް ވޭނަކާއި އެކަނިވެރިކަމެއްގެ ތެރެއިން ރާއްޖެއަށް ހޯދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ބިލުން ނިގުޅައިގަންނާނެ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް އަޑުއުފުލައި ހަރަކާތްތެރިވުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މި ބިލު ފާސްކުރުމާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމު ރައްޔިތުން މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުން ދިޔަ އެވެ. އަދި 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި، ބިލު ބޭރުކޮށްލުމަށް އެދިފައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ މާއްދާ އުނިކުރުން ހިމެނޭ އެވެ. ނަމަވެސް މި ބިލުގައި އެހެން ކަންބޮޑުވުންތައް އަދިވެސް ބާކީ އޮތް ކަމަށާއި، ބިލު އިތުރަށް ދިރާސާކުރުމަށް ވަގުތު ބޭނުންވާ ކަމަށް ކަމާގުޅޭ ފަރާތްތަކުން ބުނަމުން އައި އެވެ.

މި ބިލު ފާސްވުމުން މީޑިއާގެ މިނިވަންކަމަށް ކުރާނެ އަސަރުތަކާމެދު ނޫސްވެރިންނާއި ސިވިލް ސޮސައިޓީ ޖަމްޢިއްޔާތަކުން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.