ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ވެބްސައިޓެއް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓު ހުޅުވައިލެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ ޤުރުއާނާ ބެހޭ މަރުކަޒަށް މިހާތަނަށް ތަޢާރަފުކުރެވުނު ވެބްސައިޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ވެބްސައިޓެވެ. މި ވެބްސައިޓުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އައު ވެބްސައިޓުގެ ޒަރީއާއިން ޤުރުއާން މަރުކަޒުން ހިންގަމުންދާ ކޯސްތަކުގެ މަޢުލޫމާތާއި، މަރުކަޒުން އިންތިޒާމުކުރާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ ޚަބަރުތައް ވަރަށް ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ. މީގެ އިތުރުން މަރުކަޒުގެ އެހެނިހެން ޚަބަރުތަކާއި މަޢުލޫމާތުތައް ވެސް ވެބްސައިޓު މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި ފެތުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުން ފަދަ މުހިންމު ކަންތައްތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ