ސަޢޫދީ ޔުނިވަރސިޓީއަކުން ދިވެހިރާއްޖެއަށް 64,000 އިސްލާމީ ފޮތް ހަދިޔާކޮށްފި

ސަޢޫދީ ޔުނިވަރސިޓީއަކުން ދިވެހިރާއްޖެއަށް 64,000 އިސްލާމީ ފޮތް ހަދިޔާކޮށްފި

Author
އަހުމަދު
08 ސެޕްޓެމްބަރ 2025 04:12
0

ސަޢޫދީ ޢަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢޫދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކުގެ ތަރައްޤީއަށް 64,000 ފޮތުގެ ބޮޑު ހަދިޔާއެއް ހުށަހަޅާފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތްތަކުގެ ހަދިޔާ ރަސްމީކޮށް ހަވާލުކުރެވުނެވެ. އެ ޔުނިވަރސިޓީގެ ފަރާތުން ފޮތްތައް ހުށަހެޅުއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢޫދީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި ޔުނިވަރސިޓީގެ ޑިރެކްޓަރު ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވުޒާރާގެ ފަރާތުން މި ހަދިޔާ ބަލައިގަނެވަޑައިގެންފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި މި ހަދިޔާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދީނީ އަދި އަޚްވަންތަ ގުޅުމުގެ ރަމްޒެކެވެ. މީގެ އިތުރުން މިއީ ދިވެހި ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އިސްކަމުގެ ހެކިކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު އިމާމު މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެ ޔުނިވަރސިޓީން ރާއްޖޭގައި ހިންގަވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސަސްއަށް ވެސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި ހުންނަވާ ސަޢޫދީ އެމްބަސީގެ އިސްވެރިންނަށް ވެސް ވަޒީރު ޝުކުރު ދަންނަވާފައިވެއެވެ.

ރަސްމިއްޔާތުގައި ސަޢޫދީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި ޔުނިވަރސިޓީގެ ޑިރެކްޓަރު ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާ ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މި ދީލަތި އެހީގެ އަގުވަޒަން ކުރުމުގެ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެ ޔުނިވަރސިޓީއަށް ޚާއްޞަ ހަނދާނީ ލިޔުމެއް ވެސް އަރުވާފައިވެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ފޮތްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމުކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރަކަށް ވާނެއެވެ. މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަމުގައިވާ އިސްލާމީ ލައިބްރަރީތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއީ އިތުރު ފަސޭހަކަމެއް ކަމުގައި ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.