ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއާޕޯޓް ވީއައިޕީ ލައުންޖް ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާއިރު، މި ޚިދުމަތް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ކަން އާންމުކޮށްފައިވާ މައުލޫމާތުން ފާހަގަވެއެވެ.
އަމިއްލަ ފަރާތަކުން މަޖިލީހަށް ހުށަހަޅައިގެން ހޯދާފައިވާ މައުލޫމާތުގައި ހިމެނެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރި 2024 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވީއައިޕީ ލައުންޖް ބޭނުންކުރި ތަފްސީލެވެ.
ލިބިފައިވާ މައުލޫމާތުގައިވާ ގޮތުން މި މުއްދަތުގައި ނާޒިމް 133 ފަހަރު މަތިން ވީއައިޕީ ލައުންޖް ޚިދުމަތް ބޭނުންކޮށްފައިވާއިރު، މިކަމަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 116،099.18 ރުފިޔާއެވެ. މުޅި މަޖިލީހުގެ މެންބަރުންނަށް ވީއައިޕީ ޚިދުމަތަށް ޚަރަދުވި 1.5 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚަރަދުވެފައިވަނީ ނާޒިމަށެވެ.
ވީއައިޕީ ލައުންޖް ދެވަނައަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ދީދީ 97 ފަހަރު މި ޚިދުމަތް ބޭނުންކޮށްފައިވާއިރު، އެކަމަށް 84،673.84 ރުފިޔާ ޚަރަދުވެފައިވެއެވެ. ތިންވަނަ މަގާމުގައި އޮތީ މީދޫ ދާއިރާގެ މެންބަރު، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދެވެ. ސިޔާމް 78 ފަހަރު ވީއައިޕީ ޚިދުމަތް ބޭނުންކުރުމަށް 68،088.24 ރުފިޔާ ޚަރަދުވެފައިވެއެވެ.
މަޖިލީހުގެ މެންބަރުންނަށް އެއާޕޯޓުން ދަތުރުކުރާއިރު ވީއައިޕީ ލައުންޖް ބޭނުންކުރުމުގެ ޚަރަދު ދައުލަތުން ދެއްކުމަށް މަޖިލީހުގެ ގަވާއިދުން ކަނޑައެޅިފައިވެއެވެ.
މި މައުލޫމާތު ހާމަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ނާޒިމަށް ފާޑުކިޔުންތައް އަމާޒުވަމުން ދާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް ނާޒިމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބާރުއަޅައި ވާހަކަދައްކަވާ މެންބަރެއް ކަމަށްވާތީ، އޭނާގެ މި އަމަލާމެދު ސުވާލު އުފައްދާ ފަރާތްތައް ގިނަވެފައިވެއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ގޮވާލާ މެންބަރަކު، އަމިއްލައަށް ވީއައިޕީ ލައުންޖް އެންމެ ގިނައިން ބޭނުންކުރުމަކީ ދެބަސްވުމެއް އުފައްދާނެ ކަމެއް ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ