ހިޔާނާތުގެ ތުހުމަތުގައި ހައްޔަރުގައި ހުރި ލަންކާގެ ކުރީގެ ރައީސް ރަނިލްގެ ހާލަތު ގޯސްވެ އައިސީޔޫގައި އެޑްމިޓް ކޮށްފި

ހިޔާނާތުގެ ތުހުމަތުގައި ހައްޔަރުގައި ހުރި ލަންކާގެ ކުރީގެ ރައީސް ރަނިލްގެ ހާލަތު ގޯސްވެ އައިސީޔޫގައި އެޑްމިޓް ކޮށްފި

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2025 07:47
0

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ސިއްހީ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ގޮސް، ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓަށް ގެންދެވިފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ޚަބަރުތަކުން ހާމަވާ ގޮތުގައި، ފުރަތަމަ ޖަލުގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ރަނިލްގެ ސިއްހީ ހާލަތު އިއްޔެ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، އިތުރު ފަރުވާއަށް ޓަކައި މިއަދު ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. މިކަން ހިނގާފައިވަނީ އިއްޔެ ކޯޓުން އޭނާގެ ބަންދު މުއްދަތު އިތުރުކޮށްފައި ވަނިކޮށެވެ

ރަނިލްގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތަކީ 2023 ވަނަ އަހަރު ކިއުބާގެ ހަވާނާގައި ބޭއްވުނު ޖީ77 ސަމިޓުގައި ބައިވެރިވުމަށްފަހު، ލަންކާއަށް އެނބުރި ވަޑައިގަތުމުގެ ކުރިން ލަންޑަނުގައި މަޑުކުރެއްވި ދުވަސްތަކުގައި ދައުލަތުގެ ފައިސާ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރި ކަމުގެ ތުހުމަތެވެ. ސީއައިޑީގެ ތަހުގީގުން ދައްކާ ގޮތުގައި، އެ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ޖަލްސާއެއްގައި އަނބިކަނބަލުންނާ އެކު ބައިވެރިވުމާއި، ބޮޑީގާޑުންގެ ޚަރަދުތަކަށް ސަރުކާރުގެ ފައިސާ ބޭނުންކޮށްފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ރަނިލް ކުރިން ދިފާއުގައި ވިދާޅުވެފައިވަނީ، އެ ދަތުރުފުޅުގެ އެންމެހައި ޚަރަދުތައް އަނބިކަނބަލުން އަމިއްލަފުޅަށް ކުރައްވާފައިވާ ކަމަށާއި، ދައުލަތުގެ އެއްވެސް ފައިސާއެއް ޚަރަދުކޮށްފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ތަހުގީގު އިދާރާތަކުން މި ދަފާތުރުތައް ދޮގުކޮށްފައިވެ އެވެ.

2022 އިން 2024 އަށް ސްރީލަންކާގެ ރައީސްކަން ކުރެއްވި 75 އަހަރުގެ ރަނިލް ވިކްރަމަސިންހައަކީ އެ ޤައުމުގެ ސިޔާސީ މައިދާނުގައި ދިގު ތާރީޚެއް ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ލަންކާގެ އަގުމަތީ ވަޒީރުކަން ފަސް ފަހަރު އަދާކުރައްވާފަ އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި ނަމަވެސް ބަލިވެވަޑައިގެންފައިވެ އެވެ.

މިހާރު ލަންކާގައި ވެރިކަންކުރާ އަނުރާ ކުމާރަ ދިސާނާޔަކަގެ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީފަ އެވެ. މި ސިޔާސަތުގެ ދަށުން ގިނަ ކުރީގެ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އެޅެމުން އަންނަ ކަމަށް ރިޕޯޓުތަކުން ހާމަވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.