މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ރަންރީނދޫ" ގެ ނަމުގައި މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުން އޮގަސްޓް 1 އަށް ފަސްކޮށްފިއެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ހާއްސަ ދުވުން ފުރަތަމަ ބޭއްވުމަށް ނިންމީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. އެހެންނަމަވެސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދުވުން ބޭއްވުމުގެ ހުއްދަ ދޫކޮށްފައި ނުވާކަން އެ ޕާޓީން ފާހަގަކުރެއެވެ.
ހުއްދަ ނުލިބުމާ ގުޅިގެން އެމްޑީޕީން ދުވުން ބޭއްވުމަށް ހަމަޖެއްސީ މާލޭގައި ކަމަށާއި، މާދަމާ އެ ދުވުން ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެކަމަކު އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ދުވުން ބޭއްވުމުގެ ހުއްދަ ލިބިފައިވާތީ، ކުރިން ރާވާފައިވާ ދުވުން ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމުގެ ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ދުވުމަކީ، އެ ޕާޓީގެ ދަންމަރެއް އުފުލައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ރޭވިފައިވާ ސިލްސިލާ ދުވުންތަކުގެ ތެރެއިން ދުވުމެކެވެ. މުޅި ދުވުންތަކުގެ ސިލްސިލާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ.
އެމްޑީޕީގެ ދުވުން ފަސްކުރެވުނުއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ހެނދުނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ. މޯދީގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ