ގދ. ގައްދޫ، ކޯޒީ ރައުންޑް، ޒަކަރިއްޔާ މުހައްމަދު (79އ) އިއްޔެ ހެނދުނު ގަމަށް ދިޔަފަހުން ގެއްލިފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް މިވަގުތު ވެސް، ސިފައިންނާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރިޔަށް ގެންދާކަމަށް ގައްދޫ ކައުންސިލުން ބުނެފިއެވެ.
ގައްދޫ ކައުންސިލުން ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، ޒަކަރިއްޔާ މުހައްމަދު ގެއްލިފައިވަނީ އިއްޔެ 10:30 ގެ ވަގުތެއްގައި، ގަމުން ގައްދޫއަށް އަނބުރާ އައުމަށް ފުރިފަހުން ކަމަށެވެ. އޭނާ ލައިގެން ހުރީ ކަޅު ސޯޓަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށާއި، އެންމެ ފަހުން ފެނިފައިވަނީ ގަމުގެ ކައިރިން ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ރަށުގެ މީހުން "ތުއްތުބޭ" ގެ ނަމުން މުޚާތަބްކުރާ ޒަކަރިއްޔާ މުހައްމަދަކީ، ގަމަށް ވަރަށް ގިނައިން ދާ މީހެކެވެ. ގަމަކީ ގައްދޫގެ ރައްޔިތުން ދަނޑުވެރިކަމަށް ބޭނުންކުރާ ވަރަށް ބޮޑު ރަށެކެވެ. ގައްދޫން ގަމާ ދެމެދުގައި ވަނީ ކަނޑުއޮޅިއެއް ކަމަށާއި، ދެ ރަށާ ދެމެދުގެ ދަތުރަކީ 5 މިނެޓުން 10 މިނެޓާ ދެމެދުގެ ދަތުރެއް ކަމަށް ރަށުގެ މީހަކު މައުލޫމާތު ދީފައިވެއެވެ.
ގައްދޫ މީހުން ކޮންމެ ދުވަހަކު ވެސް ގަމަށް ދަނޑުހެއްދުމަށާއި، ރާއެރުމަށާއި، ކާށި ހޮވުން ފަދަ ކަންކަމަށް ދޭ. ތުއްތުބޭ ވެސް އަބަދު ދާކަމަށް ގައްދޫއިން ވާހަކަ ދެއްކި މީހަކު ބުނެފައި ވެއެވެ. ތުއްތުބޭ އަބަދު ގަމަށް ދިޔަސް މެންދުރު ނަމާދަށް ރަށަށް އަންނަ ކަމަށާއި، އިއްޔެ މެންދުރު ނަމާދަށް ރަށަށް ނާދެވުމުން އޭނާގެ ހަބަރެއް ނުވެގެން ހޯދަން ފެށި ކަމަށް ރަށުގެ މީހުން ބުނެއެވެ.
މިވަގުތު ސިފައިންނާއި ފުލުހުންނާއި ގައްދޫގެ ރައްޔިތުންނާއި އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ގުޅިގެން ތުއްތުބޭ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، އޭނާގެ އެއްވެސް ހަބަރެއް އަދި ނުލިބެއެވެ. އޭނާ ދަތުރުކުރި ޑިންގީ ވެސް މިހާތަނަށް ނުފެނެއެވެ.
ކޮމެންޓު ފޮނުވާ