ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް ފާއިތުވި އަހަރާ އަޅާބަލާއިރު 13.53 އިންސައްތައިން މައްޗަށް ގޮސްފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި) ގެ ތަފާސްހިސާބުތަކުން ފެންނަން އޮތް ކަމެކެވެ.
މި އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސައްކަތްތެރިންގެ އުޖޫރަ މަތިވުމާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ބޮޑުވުން ހިމެނެއެވެ. އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ މި މިންގަނޑުން ދައްކާގޮތުގައި، އިމާރާތްކުރުމުގެ ސިނާއަތަށް ނިސްބަތްވާ އަގުތައް އަހަރުން އަހަރަށް ދަނީ މައްޗަށެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި މަހުން މަހަށް ބަލާއިރުވެސް އަގުތަކަށް ކުޑަކުޑަ އިތުރުވުންތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ޖަނަވަރީ މަހު 0.14 އިންސައްތަ، ފެބްރުއަރީ މަހު 0.01 އިންސައްތަ، އަދި މާރިޗު މަހު 0.01 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވެއެވެ.
އަހަރުން އަހަރަށް ބަލާއިރު، މިދިޔަ އަހަރުގެ އެއްވަގުތާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު 13.82 އިންސައްތަ، ފެބްރުއަރީ މަހު 13.68 އިންސައްތަ، އަދި މާޗު މަހު 13.53 އިންސައްތައިގެ އިތުރުވުން ރެކޯޑުކޮށްފައިވެއެވެ. މިއީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ސީދާ އަސަރުކުރާ ބަދަލެކެވެ.
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްގައި އިމާރާތްކުރުމުގެ މަސައްކަތްތަކަށް 75 އިންސައްތައިގެ ބަރުދަނެއް ދީފައިވާއިރު، މަގު ހެދުމުގެ މަސައްކަތްތަކަށް 25 އިންސައްތައިގެ ބަރުދަން ދީފައިވެއެވެ. މި މިންގަނޑަކީ ރާއްޖޭގެ އުފެއްދުންތެރިންނަށް މުދަލާއި ހިދުމަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކޮށް، އޭގެ އެވްރެޖް ބަދަލު ދެނެގަތުމަށް ބޭނުންކުރާ މުހިންމު ޓޫލްއެކެވެ.
ކޮމެންޓު ފޮނުވާ