ގދ. ވާދޫގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކޮށް، ނިޒާމު ކޮމިޝަން ކޮށްފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ ކޯޕަރޭޝަން އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 60.99 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން ވާދޫގައި ޒަމާނީ ފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން، ފުރިހަމަ ނަރުދަމާ ނިޒާމެއް ވެސް ޤާއިމުކުރެވިފައިވެއެވެ.
ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި ފެން އުފެއްދުމަށް ބޭނުންވާ ޕްލާންޓް ބެހެއްޓުމަށް ޚާއްޞަ އިމާރާތެއް ބިނާކުރެވި، ރަށުގެ އެކި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށް މައި ނެޓްވޯކް އެޅިފައިވެއެވެ. ހަމައެއާއެކު ގޭބިސީތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ފެން އުފެއްދުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފައި، ފެން ރައްކާކުރާ ބޮޑެތި ތާންގީތައް ބެހެއްޓި، ރިޖެކްޓް ލައިން އެޅުމުގެ މަސައްކަތް ވެސް ނިމިފައިވެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ރަށުގެ އެކި ހިސާބުތަކުގައި ނަރުދަމާގެ މައި ނެޓްވޯކް އެޅުމާއި، ޕަންޕިންގ ސްޓޭޝަން ޤާއިމުކުރުމާއި، ސީ އައުޓްފޯލް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ. ކޮންމެ ގެއަކަށް ވެސް ޖަންކްޝަން ބޮކްސް ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާއިރު، މި ނިޒާމު ރަނގަޅަށް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލާއި، ފެނުގެ ފެންވަރު ބެލުމަށް ބޭނުންވާ ތަޙުލީލު ކުރާ އާލާތްތައް ވެސް ފޯރުކޮށްދެވޭނެއެވެ.
ވާދޫގައި މި ޚިދުމަތްތައް ޤާއިމުވުމުން ރައްޔިތުންނަށް ސާފު ބޯފެން ލިބުމާއި، ނަރުދަމާގެ ރަނގަޅު ނިޒާމެއް ލިބުމުން ޞިއްޙީ ގޮތުން ރައްކާތެރި މާހައުލެއް ޤާއިމުވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ