އުއްތަމަ ފަނޑިޔާރަށް މަހަކު 70 ހާސް ރުފިޔާގެ އިތުރު އެލަވަންސް ދިނުމަށް ޖޭއެސްސީން ހުށަހެޅުމުން މަޖިލީހުގައި ހޫނު ބަހުސެއް

އުއްތަމަ ފަނޑިޔާރަށް މަހަކު 70 ހާސް ރުފިޔާގެ އިތުރު އެލަވަންސް ދިނުމަށް ޖޭއެސްސީން ހުށަހެޅުމުން މަޖިލީހުގައި ހޫނު ބަހުސެއް

Author
ހުސައިން
15 ޖޫން 2025 07:44
0

ރިޓަޔަރ ކުރައްވާ އުއްތަމަ ފަނޑިޔާރަށް މަހަކު 70،000 ރުފިޔާގެ ލިވިންގ އެލަވަންސާއި، ރިޓަޔަރމަންޓުން ގާތްގަނޑަކަށް ބައިމިލިއަން ރުފިޔާ ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔަރ ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ވަގުތެއްގައި މި ހުށަހެޅުން އައުމާ ގުޅިގެން، މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސަރުކާރު ކޯލިޝަނާއި އިދިކޮޅު ޕާޓީގެ މެންބަރުންގެ މެދުގައި ބަހުސްތަކެއް ހިނގައިފި އެވެ.

ޖޭއެސްސީގެ އިސްލާހުތަކުގެ ދަށުން، ރިޓަޔަމަންޓް އެލަވަންސް ކަނޑައެޅުމުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން، މުޅި ދައުލަތުގެ ޚިދުމަތުގެ މުއްދަތު ހިމަނުމަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެ އެވެ. މި ބަދަލުގެ ސަބަބުން އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 185،100 ރުފިޔާގެ އެލަވަންސް 493،600 ރުފިޔާއަށް އަރާނެ އެވެ. މުއުތަސިމް އަކީ ފަނޑިޔާރުކަމަށް އައުމުގެ ކުރިން ހާރިޖީ ޚިދުމަތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތައް މި ވަގުތު ހުށަހެޅިފައިވަނީ އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެންފައިވުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އިސްލާހުތަކުގައި ރިޓަޔަރ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ، ދިރިއުޅުއްވާ ތަން، އެއްގަމު އުޅަނދުފަހަރުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރިޓަޔަމަންޓް އިނާޔަތްތައް އަސާސީ މުސާރައިގެ މައްޗަށް ބިނާކޮށް ހިސާބުކުރުން ވެސް ހިމެނިފައިވެ އެވެ.

އެމްޑީޕީގެ މެންބަރުން ބުނެފައިވަނީ މިއީ "ޑީލެއް" ގެ ތެރެއިން ކުރާ ކަމެއް ކަމަށާއި، މިކަމަށް ދެކޮޅު ކަމަށެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.މުހައްމަދު ޝަމްހީދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރެއްގެ މަގާމު ފުރުއްވީތީ މަހަކު އިތުރު 70،000 ރުފިޔާ ދިނުމަކީ ކޮންމެ ގޮތަކަށް ވިސްނާލިޔަސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އައިޖީއެމްއެޗުގެ ސީނިއަރ ނަރުހެއް ނުވަތަ 25 އަހަރު ދައުލަތަށް ޚިދުމަތްކުރި ނަރުހެއްގެ ޚިދުމަތާ އަޅާބަލާއިރު، އުއްތަމަ ފަނޑިޔާރެއްގެ ޚިދުމަތް އެހާ ބޮޑަށް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނުގައި ރިޓަޔަރމަންޓް އެލަވަންސްތައް މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުންދާއިރު، ވަކި މީހަކަށް "ފަހާ ކޯޓު" ގޮތަށް މިކަން ކުރުމުން މައްސަލަތަކަށް ޙައްލު ނުލިބޭނެ ކަމަށެވެ.

އެހެންނަމަވެސް ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ދެކެވަޑައިގަންނަވަނީ، އިދިކޮޅު މެންބަރުން ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށާއި، ކޮމިޓީން ވަކި މީހަކަށް ޕެންޝަން ދިނުމުގެ މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމާއި ޑަބަލް ޕެންޝަން ހުއްޓުވުމުގެ ވާހަކަ ދައްކަމުން، އުއްތަމަ ފަނޑިޔާރަށް އިތުރު އެލަވަންސް ދިނުމަށް މަސައްކަތްކުރުމަކީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.