އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ތައްޔާރުކުރާ ދުނިޔޭގެ އެންމެ ބޮޑު ރޮކެޓް ކަމަށްވާ ސްޓާޝިޕް ރޮކެޓްގެ ނުވަވަނަ ޓެސްޓް ފްލައިޓް މިއަދު ފެއިލްވެ، ކޮންޓްރޯލް ގެއްލިގެން އިންޑިއާ ކަނޑަށް ވެއްޓިއްޖެއެވެ.
ޓެކްސަސްގެ ސްޓާބޭސް ފެސިލިޓީން ޖީއެމްޓީ ގަޑިން ރޭ 11:36 ގައި އުދުއްސާލި 403 ފޫޓު ދިގު މި ބިޔަ ރޮކެޓް، ދަތުރު ފެށިތާ ތިރީސް މިނިޓް ހާއިރު ތެރޭގައި ކޮންޓްރޯލުން ނެއްޓި އެނބުރެން ފެށިއެވެ. މި ޓެސްޓް ފްލައިޓްގައި ސްޓާލިންކް ސިމިއުލޭޓާ ސެޓެލައިޓް އަށެއް އޯބިޓަށް ދޫކޮށްލުމަށް ހަމަޖެހިފައިވި ނަމަވެސް، އެ ސެޓެލައިޓްތައް ޑިޕްލޯއީ ނުކުރެވި ރޮކެޓް ފެއިލްވިއެވެ.
ސްޕޭސް އެކްސްގެ އިންޖިނިއަރުންނަށް ރޮކެޓްގެ ކޮންޓްރޯލް މުޅިން ގެއްލުނު ކަމަށާއި، އޭގެ ކުޑަ އިރުކޮޅެއް ފަހުން އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ރޮކެޓްގެ ބައިތައް ވެއްޓުނު ކަމަށް ކުންފުނިން ބުނެފައިވެއެވެ.
މާސް ޕްލެނެޓަށް މީހުން ގެންދިއުމުގެ އުއްމީދުގައި ތައްޔާރުކުރަމުން އަންނަ މި ރޮކެޓް ސިސްޓަމަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ އެއްޗެކެވެ. މި ޓެސްޓް ފްލައިޓްގެ މައިގަނޑު މަގްސަދަކީ ސްޓާޝިޕްގެ އޯބިޓަށް ވަނުމާއި އެނބުރި ވައިގެ ފަށަލައަށް ވަނުމުގެ ގާބިލްކަން ކަށަވަރުކުރުމެވެ.
މިއީ ސްޕޭސް އެކްސްގެ ސްޓާޝިޕް ޕްރޮގްރާމަށް މި އަހަރު ކުރިމަތިވި ދެވަނަ ބޮޑު ހާދިސާއެވެ. މީގެ ކުރިން ކުރި ޓެސްޓް ފްލައިޓްތަކުގައި އިންޖީނު ފެއިލްވުމާއި އަލިފާން ރޯވުން ފަދަ ސަބަބުތަކާ ހުރެ ކެރީބިއަން އާއި އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކަށް ރޮކެޓްތައް ވެއްޓިފައިވެއެވެ.
މި ފަދަ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ސްޕޭސް އެކްސް އިން ވަނީ ރޮކެޓްގެ ހާޑްވެއާ އަށް ގިނަ ބަދަލުތަކެއް ގެނެސް، ސޭފްޓީ ޕްރޮސީޖާތައް އިތުރަށް ހަރުދަނާކޮށްފައެވެ. ނަމަވެސް މިއަދުގެ މި ހާދިސާއިން ދައްކާ ގޮތުގައި ސްޓާޝިޕް ޕްރޮގްރާމަށް އަދިވެސް ހައްލުކުރަންޖެހޭ ޓެކްނިކަލް ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ސްޕޭސް އެކްސް އިން ދަނީ ނާސާ އާއި އެހެނިހެން ޖައްވީ އޭޖެންސީތަކާއި ގުޅިގެން މާސް އަށް މީހުން ގެންދިއުމުގެ ޕްރޮގްރާމްތަކުގައި ސްޓާޝިޕް ބޭނުންކުރުމަށް ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތް ސެޓެލައިޓް ލޯންޗްތަކާއި ޑީޕް ސްޕޭސް މިޝަންތަކަށް މި ވެހިކަލް ބޭނުންކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނައިރު، މިފަދަ ފެއިލިއާތަކުން ލިބޭ ތަޖުރިބާ އިން ސިސްޓަމް އިތުރަށް ރަނގަޅުކުރުމަށް ބޭނުންކުރާނެ ކަމަށް ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ