ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރި ސީލައިފްގެ އެއްބަސްވުން އެޗްޑީސީން ބާތިލް ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ސީލައިފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ސީލައިފް އާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުއެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން މި މައްސަލަ ސީލައިފުން މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.
ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުން އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ސޮއިކުރީ 2014 ވަނަ އަހަރުގެ މާޗް 13 ގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ނަމަވެސް ސީލައިފުން އެ އެއްބަސްވުމާ ހިލާފު ކަމަށާއި، މަސައްކަތް ކުރިއަށް ނުގެންގޮސް ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ބުނެ، އެޗްޑީސީން މި އެއްބަސްވުން 2018 ވަނަ އަހަރުގެ ޑިސެމްބަރު 24 ގައި ވަނީ ބާތިލްކޮށްފައެވެ.
މި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެކަން ކޮށްފައިވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މައްސަލަ ހުށަހެޅިއެވެ.
ސީލައިފުން އެދިފައިވަނީ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ބަދަލުގެ ގޮތުގައި ސީލައިފުން ހޯދަން އެދިފައިވަނީ 12 މިލިއަން ޑޮލަރެވެ.
ސީލައިފުން މި މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލައާ ގުޅިގެން ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ