މި އަހަރު ނިމޭއިރު ރ. ވާދޫ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލުވާނެ

މި އަހަރު ނިމޭއިރު ރ. ވާދޫ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލުވާނެ

Author
ހުސައިން
04 މެއި 2025 02:51
0

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަންދޭނެ ކަމަށެވެ. މި ދާއިރާގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިންގަން ނިންމާފައިވާ އިޔާދަކުރަނިވި ހަކަތައިގެ މުހިންމު މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ރ. ވާދޫއަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލުކުރުމެވެ. މި މަޝްރޫއު ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ ޖެނުއަރީ މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރ. އަތޮޅު ވާދޫ އެއީ 100 ޕަސެންޓް ސޯލާއިން ހިންގާ ރަށަކަށް ހަދަން އަޅުގަނޑުމެން ނިންމާފައި އޮތީ. އެ ރަށުގެ ރައްޔިތުން ވެސް ވަރަށް އިނޮވޭޓީވްލީ މިހާރު ވެސް ފަށާފައި އޮތް ކަމެއް، ވަރަށް އީޖާދީ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް މި ކަހަލަ ކަންކަމުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން ނިންމީ އެ ރަށް މޮޑެލް ރަށެއްގެ ގޮތުގައި ކަނޑައަޅައި، މި އަހަރު ނިމެން ވާއިރަށް އެ ރަށުގެ ހުރިހާ ކަމަކަށް ސޯލާ ޕަވާ ބޭނުންކުރާ ގޮތަށް ހެދުން" ކަމަށެވެ. 600 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވާދޫގައި މި މަޝްރޫއު ފެށުމަށްޓަކައި މިހާރު ވަނީ އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަރުހަލާގައި ކަމަށް ރައީސް މަޢުލޫމާތު ދެއްވިއެވެ.

ވާދޫ މަޝްރޫއަކީ އެހެން ރަށްރަށަށް ވެސް ފުރިހަމައަށް ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ބަދަލުކުރުމަށް ބޭނުންކުރާނެ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. "މިއީ މޮޑެލްއަކަށް ބަލައިގެން، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބަލައިގެން އެހެން ރަށްތައް ވެސް ފުލީ ސޯލާ ރަން ކުރާ ރަށްރަށަށް ހެދުމަކީ އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމުގައި ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މާލެ ސަރަހައްދުގައި ވެސް އިޔާދަކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ނިންމާފައިވެއެވެ.

މާލެ އަތޮޅުގެ ފަޅެއްގައި ހިންގަން ނިންމާފައިވާ "ފްލޯޓިން ސޯލާ" ޕްރޮޖެކްޓުގެ ދަށުން 100-150 މެގަވޮޓްގެ ހަކަތަ އިރުގެ އަލިން އުފައްދާނެއެވެ. މި ޕްރޮޖެކްޓް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިދިޔަ މާޗު މަހު އިއުލާންކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.