ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި

Author
ހުސައިން
26 އޭޕްރިލް 2025 11:06
0

މާލޭގެ އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށްޓަކައި މިރޭ މެލޭޝިއާއަށް ފުރުވާލައިފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ ޔުމްނު ފެނުނީ އެދުވަހުގެ ހެނދުނުއެވެ. އެހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ.

ދަތުރުކުރުމުގެ ހުއްދަ ލިބުމާއެކު، ޔުމްނުގެ އާއިލާއިން ބޭނުންވެފައިވަނީ އޭނާ މެލޭޝިއާއަށް ގެންދިއުމަށެވެ. މިއީ އެއާއިލާގެ ބައެއް މެންބަރުން އެޤައުމުގައި ދިރިއުޅެމުން އަންނާތީއެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން އިޢުލާންކޮށްފައިވެއެވެ. މިގޮތުން، ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ 25,000 އެމެރިކާ ޑޮލަރު (385,500 ރުފިޔާ) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ރޭގެ ވަގުތެއްގައި ޖަމާކޮށްދީފައިވާ މިފައިސާގެ ތެރޭގައި 12 މީހުންގެ ޓިކެޓުގެ ޚަރަދުވެސް ހިމެނެއެވެ.

ސަރުކާރުން ހަމަޖައްސައިދިން ފައިސާގެ ޢަދަދަކީ ފަރުވާގެ ޚަރަދުގެ އެއްބައި ކަމަށްވާތީ، ޔުމްނުގެ އާއިލާއިން މިރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަންޑްރެއިޒިންގ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އާއިލާއިން ހާމަކުރިގޮތުގައި ޔުމްނުގެ ފުރަތަމަ ސަރޖަރީއަށް އެކަނިވެސް 878,940 ރުފިޔާ ޚަރަދުވާނެއެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށްވެސް އިތުރު ފައިސާ ދައްކަންޖެހޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަދި އުފާވެރި ޚަބަރަކީ، ޓިކްޓޮކްގައި މިރޭ ކުރިއަށްގެންދިޔަ ލައިވް އިވެންޓެއްގައި އެކަނިވެސް ހަތްލައްކައަށްވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހޯދިފައިވުމެވެ.

މިދެންނެވި ހާދިސާގެ ތަޙުޤީޤުގައި މިހާރު ވަނީ އެރޭ ޔުމްނުއާއެކު އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެފަރާތްތަކުގެ ބަޔާން ނަގައި އަދި އެފަރާތްތަކުގެ ފުރުން މަނާކޮށްފައެވެ. މީގެއިތުރުން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަޙްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދު 5 ދުވަހަށް އިތުރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.