ޔުމްނު ވެއްޓުނު މައްސަލައިގަ ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލު ފަސް ދުވަހަށް ބަންދުކޮށްފި

ޔުމްނު ވެއްޓުނު މައްސަލައިގަ ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލު ފަސް ދުވަހަށް ބަންދުކޮށްފި

Author
ހުސައިން
25 އޭޕްރިލް 2025 11:57
0

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް މިއަދު ކޯޓުން ނިންމައިފިއެވެ. ފުލުހުން އޭނާ ބަންދުގައި ބެހގެއްޓުމަށް އަމުރު ކޮށްފައިވަނީ ފުލުހުން ރޭ ރައުދު ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވަނީ، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ކަމަށާއި، ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުގައެވެ. ރައުދު ހައްޔަރުކޮށްފައިވަނީ މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އާންމުންގެ ފާޑުކިޔުން ބޮޑުވެގެންނެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި، އެ ހާދިސާގައި އިތުރު މީހެއްގެ އަތެއް ނުވާކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު ޔުމްނުގެ ގާތުގައި ހުރީ ހަމައެކަނި ރައުދުކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާމެދު ކަންބޮޑުވެ، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ނިމިދިޔަ ދެ ރޭވެސް މާލޭގައި މުޒާހަރާކޮށްފައިވެއެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ ކަމަށެވެ.

ޔުމްނު ވެއްޓިފައިވަނީ ފެންޓޯނިއާގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށެވެ. މި ހާދިސާގައި އޭނާއަށް ބޮޑެތި އަނިޔާތަކެއްވެ، މިވަގުތު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.