އެޗްޑީސީގެ ނަމުގައި ސްކޭމް ކޯލްތަކާއި މެސެޖްތަކެއް ދައުރުކުރަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

އެޗްޑީސީގެ ނަމުގައި ސްކޭމް ކޯލްތަކާއި މެސެޖްތަކެއް ދައުރުކުރަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

Author
ހުސައިން
19 އޭޕްރިލް 2025 09:22
0

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ވައިބަރ މެދުވެރިކޮށް ސްކޭމެއް ހިންގަމުންދާތީ، އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އިލްތިމާސްކުރިއެވެ.

ފުލުހުންގެ ފަރާތުން ދެއްވި މަޢުލޫމާތުގައި، މި ސްކޭމް ހިންގަނީ ވައިބަރ މެދުވެރިކޮށް ކަމަށާއި، މިކަމަށް ދެ ނަންބަރެއް ބޭނުންކުރާ ކަމަށް ފާހަގަކުރެއްވިއެވެ. ކޯލްތަކަށް 7933128 އަދި މެސެޖްތަކަށް 7956509 ނަންބަރު ބޭނުންކުރާއިރު، ވައިބަރގައި 'HDC Housin Development Corpo' މިގޮތަށް ނަން ޖަހާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

އެޗްޑީސީގެ ނަމުގައި މީހުންނަށް ގުޅައި، އެ ކުންފުނިން ކުރާ މުޢާމަލާތެއްކަމަށް ދައްކައިގެން، ވަކި ނަންބަރުތަކެއް ކޮންފާމްކޮށް، ޖީމެއިލްއަށް އެކްސެސް ހޯދަން މަސައްކަތްކުރާކަން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައި، އެޗްޑީސީއިން ވައިބަރ އެކައުންޓްތައް މެދުވެރިކޮށް ރައްޔިތުންނާ މުޢާމަލާތް ނުކުރާނެކަމަށާއި، އަދި ޖީމެއިލް ލޮގްއިން، ވެރިފިކޭޝަން އަދި އެހެނިހެން ޒާތީ އެކައުންޓްތަކުގެ އެކްސެސް ހޯދުމަށް ކުންފުނިން ނޭދޭނެކަމަށް ބަޔާންކުރެއްވިއެވެ.

މިފަދަ ސްކޭމް ކޯލްތަކާއި މެސެޖްތަކަށް ޖަވާބު ނުދިނުމަށާއި އަދި އެފަދަ ނަންބަރުތައް ބްލޮކްކުރުމަށް ވެސް ފުލުހުން ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. ޒާތީ މަޢުލޫމާތާއި އެހެނިހެން މަޢުލޫމާތު އެފަދަ ފަރާތްތަކާ ޙިއްޞާނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފްލެޓް ލިބޭކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ދޭތެރެދޭތެރެއިން މިފަދަ ސްކޭމްތައް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.