ރޯދަ މަހުގެ ފަހު ދިހަ ދުވަހާއި އީދު ބަންދަށްފަހު މިއަދު އަލުން ފެށުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި، ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުންދާ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރުމަށް ގޮވާލައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދާ ޚިލާފުކަމަށް ނިންމައި ބޭރުކޮށްލާއިފިއެވެ.
މިއަދުގެ ޖަލްސާއަށް މައުރޫފް ހުށަހެޅުއްވި މައްސަލައިގައި، އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު ހަމަ އެ ދުވަހު ވަޒީރުންގެ މަޖިލީހުން މިކަން ކުރުމަށް ފާސްކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް މައުރޫފް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކުއްލި މައްސަލައެއް ހުށަހެޅޭނީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރުކުރާނެ ކުއްލި ކަމެއް ސީދާ ދިމާވުމުން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށާއި، ކުއްލި މައްސަލައަކީ ހުށަހަޅާފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސަކާ ގުޅޭ ކަމަކަށް ވާން ނުޖެހޭނެކަމަށެވެ. އެހެންކަމުން ރިޔާސަތުން ނިންމެވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ މައްސަލައެއް ކަމަށެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، އިސްރާއީލް ޕާސްޕޯޓް މަނާކުރުމާ ގުޅޭ ބިލް މަޖިލީހުގައި އޮންނަތާ ނުވަ މަސް ވެގެން ގޮސްފައިވާއިރު، އެ ބިލް ފާސްނުކޮށް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން އެހެން ބިލްތައް ފާސްކުރަމުން އަންނަކަމަށެވެ. އަދި އިސްރާއީލުގެ މައްސަލައިގައި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
އިސްރާއީލު ޕާސްޕޯޓް މަނާކުރަން ކެބިނެޓުން ނިންމައި އިއުލާން ކުރުމުން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސަމާލުކަންވެސް އެކަމަށް ލިބުނުނަމަވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ އެކަން ނުކުރާތީ ސަރުކާރަށާއި ސަރުކާރު ހިންގާ ޕީއެންސީއަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.