ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ އުފާ ފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި، އަމާންކަން ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިރޭ މެންދަމު 12:00 ގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗާ ދިމާކޮށް ފުލުހުން ނެރުނު އިލްތިމާސްގައި ބުނެފައިވަނީ، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، މާލެ ސަރަހައްދުގެ ބައެއް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ގިނަ އަދަދެއްގެ މީހުން މެޗުތައް ބަލަމުން ދެއެވެ. އަދި ދަންވަރު އޮންނަ މެޗުތައް ބެލުމަށް ފަހު ބައެއް މީހުން އުފާ ފާޅުކުރުމުގެ ގޮތުން އެއްވެ، މަގުމައްޗަށް ވެސް ނުކުމެ އުޅޭކަން ފާހަގަކުރެވެއެވެ.
ފުޓްބޯޅައިގެ ފޯރިގަދަ ގައުމެއް ކަމަށްވާ ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް މި ފޯރީގައި ބައިވެރިވަމުން ދާއިރު، ހާއްސަކޮށް އާޖެންޓީނާއަށް އޮންނަ ތާއީދު ބޮޑުކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ