42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ދިނުމަށް އިންޑިއާއިން އެއްބަސްވެއްޖެ

42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ދިނުމަށް އިންޑިއާއިން އެއްބަސްވެއްޖެ

Author
އަހުމަދު
19 ޖުލައި 2026 08:48
0

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި ފަހުމުނާމާއަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން ހިންގާ މަޝްރޫއެއްގެ ބައެކެވެ. ދިވެހި ސަރުކާރުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރު، ޖީ. ބާލަސުބްރަމާނިއަން އެވެ. މަޝްރޫއު ތަންފީޒުކުރާ ފަރާތުގެ ގޮތުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއު އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ފިޓްނަސް ސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. މީގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހޯދުމުގެ މަގު ފަހިވާނެ ކަމަށާއި، މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި ހަމަހަމަކަން ގާއިމުކުރުމަށާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ވެސް ހުޅުވިގެންދާ ފުރުސަތެއް ކަމުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަން ކުރިއަރުވައިދޭ މުހިންމު މަރުކަޒުތަކެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ވަޒީރުން ވެސް ވަނީ އިންޑިއާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހި މުޖުތަމައުތަކަށް ފާހަގަކުރެވޭ ފަދަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.