ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ބަދިގޭގައި އާދީއްތަ ދުވަހު ރޯވި އަލިފާންގަނޑެއްގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގޭގައި ދިރިއުޅޭ ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދޭން ޖެހިއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހިޔާގެ އަށްވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގަ އެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާދީއްތަ ދުވަހުގެ މެންދުރު 13:27 ހާއިރު ކަމަށެވެ. އެއަށްފަހު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި، އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމަންޓުގެ ބަދިގޭގަ އެވެ. މި ހާދިސާގައި ބަދިގެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ރޯވި އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓަށް ދުމުގެ އަސަރު ބޮޑަށް ފޯރައި، މިވަގުތު އެ ތަނުގައި ދިރިއުޅެން އެކަށީގެންވާ ހާލަތުގައި ނެތް ކަމަށެވެ. އެހެންކަމުން، އެ އެޕާޓްމަންޓް ސާފުކޮށް ނިމެންދެން، އެ ތަނުގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހަކަށް އައިސް ހިޔާ ފްލެޓު ޓަވަރުތަކުގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ހިޔާގެ ފަސްވަނަ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ.
ކޮމެންޓު ފޮނުވާ